ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ޕީޓީއޭއަށް އަމަލުކުރަން ފެށުމާއެެކު 85 މިލިޔަނަށްވުރެ ބޮޑު މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް އަމަލުކުރަން ފެށުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް އަމަލުކުރަން ފެށިގެންދިއުމަކީ، ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުމުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
މީގެއިތުރުން، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން ޙާސިލްކުރެވުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައިވެސް ވަޒީރު ސިފަކުރެއްވިއެވެ.
Today, 1 August 2026, the Maldives–Türkiye Preferential Trade Agreement (MTPTA) enters into force; a significant milestone in the economic and trade relations between our two nations, and a moment that builds on the shared vision of H.E. President Dr. @MMuizzu and H.E. President… pic.twitter.com/INpUI7n6Wa
— Mohamed Saeed (@em_saeed) August 1, 2026
މިއެއްބަސްވުމުގެ ދަށުން 75 ބާވަތަކުން ނަގަމުން ދިޔަ ޑިއުޓީ މާފުވާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މީގެ ސަބަބުން 85 މިލިޔަނަށްވުރެ ގިނަ ކޮންސިއުމަރުންގެ މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތަކާއި މުދާ ހޯދުމުގައި ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދުގެ ޕޯސްޓުގައި ވިދާޅުވީ މިއަދު އަމަލުކުރަން ފެށި ވިޔަފާރީގެ މިއެއްބަސްވުމުގެ މައްޗަށް ބިނާކޮށް ދެ ގައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށްްއޮތްތަނުގައި މަސައްކަތް ކުރައްވާނެކަމަށެވެ.
ރާއްޖެއާއި ތުރުކީއާ ދެމެދު ކަނޑައެޅޭ ވަކި މުދާތަކެއްގެ ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށީ، 2023 ވަނަ އަހަރު ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާތަކަށް ފަހުއެވެ. މިއެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށްޓަކައި ދިވެހިރާއްޖެ އާއި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް، ފައިނަލް ނޮޓިފިކޭޝަން ލިޔުން ދެ ޤައުމުގެ ދެމެދުގައި މިހާރު ވަނީ ބަދަލުކުރެވިފައެވެ.
ތުރުކީވިލާތާއެކު އެކުލަވާލާފައިވާ މި އެއްބަސްވުމަށް އަމަލުކުރަންފެށުމަކީ، ޔޫރަޕުގެ މާކެޓަށް ދިވެހިން ވަނުމަށް އެޅުނު ފާލަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން 90 މިލިޔަން މީހުންގެ މާކެޓަކަށް ވަނުމުގެ ފުރުސަތު މިހާރު ދިވެހިންނަށް ހުޅުވިފައިވާއިރު، އެޤައުމަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދާދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމަށް މަގުފަހިވާނެއެވެ.
މީގެ އިތުރުން، މިއެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ދިވެހިރާއްޖޭން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީވިލާތުގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވި، ދިވެހިރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީވިލާތުގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވާނެކަމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.