ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެ ޖަމާއަތުގެ މުބާރާތްޔތައް ރާވައި ހިންގުމަށް ވިޔަފާރި ކުންފުންޏެއް ހަދަން އުޅޭކަން އެނގުނީ މީޑިއާއިން ކަމަށް އޭއެފްސީ އާއި ކޮންކާފުން ބުނެފި އެވެ.
އޭޝިޔާގެ ފުޓްބޯޅައިގައި މައި ޖަމާއަތް ކަމަށްވާ އޭއެފްސީ އާއި މެދުތެރޭ އެމެރިކާގެ ފުޓްބޯޅައިގެ މައި ޖަމާއަތް ކަމަށްވާ ކޮންކާކަފުން ބުނީ ހުރިހާ އެންމެނަށް ވެސް މިފަދަ ޕްރޮޕޯސަލްގެ މައުލޫމާތު އޮޅުންފިލުވައިދީ އެކަން ދިރާސާ ކުރަން ވަގުތު ދޭން ޖެހޭނެ ކަމަށެވެ.
"އޭއެފްސީން އަބަދުވެސް ފައިދާހުރި އައު މޮޑެލް ތަކަށް މަރުހަބާ ކިޔާނެ. އެކަމަކު މި ޕްރޮޕޯސަލްގެ މައުލޫމާރު ލިބުނީ މީޑިއާއިން. އަހަރުމެން ގަބޫލު ކުރާ ގޮތުގައި މިފަދަ ކޮންމެ ކަމެއްގެ މައުލޫމާތު (ފީފާގެ) ހުރިހާ މެމްބަރުންނާ ހިއްސާ ކުރެވި މަޝްވަރާ ކުރެވެންވާނެ،" އޭއެފްސީގެ ބަޔާނުގައިވެ އެވެ.
ކޮންކާފުން ވެސް ބުނީ މި ޕްރޮޕޯސަލް އަކީ ކިހިނެތްވާ އެއްޗެއްކަން ފީފާއިން ސާފުކޮށްނުދޭ ކަމަށާއި ކުއްލިއަކަށް އެނގުނީ ޕްރޮޕޯސަލް ފާސް ކުރަންޖެހޭކަން ކަމަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓިނީ ފީފާގެ މެމްބަރު 211 ގައުމަށް އަންގާފައިވަނީ މި ޕްރޮޕޯސަލް ފާސްކޮށްފިނަމަ މެމްބަރު ގައުމުތަކަށް ލިބެ ފައިސާ އިތުރުވެގެންދާނެ ކަމަށެވެ. ނުވަތަ ލިބެނީ ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް 10 މިލިއަން ޑޮލަރު ކަމަށެވެ.
ފީފާއިން 20 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުންފުންޏެއް ހަދައި ނިންމާފައިވަނީ އޭގެ 20 ޕަސެންޓް ހިއްސާ ވިޔަފާރިވެރިންނަށް ވިއްކާލުމަށެވެ. ޔޫރަޕުންނާއި ފީފާގެ މެމްބަރު ބައެއް ގައުމުތަކުން އަދި ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ ފުޓްބޯޅަ އާއި ވޯލްޑް ކަޕް ވިއްކާލުމެވެ. މީގެ ސަބަބުން ފީފާގެ މިނިވަންކަން ވަރަށް ބޮޑަށް ކުޑަވެ ފުޓްބޯޅައިގެ ތެރެއަށް ތަފާތު ނުފޫޒު ވަންނާނެ އެވެ.
މިކަމާ ދެކޮޅަށް ތެދުވުމަށް ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ވަނީ ބުރާސްފަތި ދުވަހު އޮންލައިންކޮށް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ.