ދިވެހިރާއްޖޭގެ ދެކުނުން އައްޑޫ ގަމާއި ގާތްގަނޑަކަށް 500 ވަރަކަށް ކިލޯ މީޓަރު ދުރުގައި އޮންނަ ފޯޅަވައްސަކީ، 7 އަތޮޅުގެ މައްޗަށް އެކުލެވޭ، 60 ރަށް ހިމެނޭ ތަނެކެވެ. އެ ރަށްތަކަކީ މިހާރު އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއެކެވެ. ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރ ހުރި ފޯޅަވަހީގެ މިލްކުވެރިކަމަށް ރާއްޖޭގެ އިތުރުން މޮރިޝަސްއިން ދައުވާކުރެއެވެ.
އެހެންކަމަށްވާއިރު، މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއީ އޮންނަނީ ފޯޅަވައްސާ ގާތްގަނޑަކަށް 1،300 މޭލު ދުރުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެކެވެ. އަދި ތާރީޚީ ގޮތުންބަލާއިރު ރާއްޖެ އާއި ފޯޅަވައްސާއި ގުޅުވާދޭ ތާރީހީ އެތައް ގިނަ ހެކިތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް، ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ޙައްޤުތައް ރާއްޖެއިން ދޫކޮށްލާފައިވަނީ 2022ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ކެންޕޭން ދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އެކަން ބަދަލުކުރައްވަން މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ދޫކޮށްލި ބައި ހޯދުމަށް ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކޮށް އެކަމުގެ އަދާހަމަތައް އެކި ޕްލެޓްފޯމްތަކުގައި ރައީސް ގެންދަވަނީ ހާމަކުރައްވަމުންނެވެ.
މިހާތަނަށް އައި އިރު ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ސަރަޙައްދުތަކާ ބެހޭ އޮފީހެއް ޤާއިމްކޮށް، ފޯޅަވަހި ސަރަޙައްދު ދޫކޮށްލުމުގައި ހިނގައިދިޔަ ކަންތަކުން އިންޞާފު ހޯދުމަށް މަސައްކަތް ފަށާފައެވެ. މީގެއިތުރުން، މި މައްސަލައިގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އެޅުމަށް އެކުލަވާލާ ކޮމިޝަންގެ އިދާރީ މަސައްކަތްތައްވެސް ދަނީކުރިއަށެވެ. ހަމައެހެންމެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނުބައި ހޯދުމަށް ކުރަން ޖެހޭ ޤާނޫނީ މަސައްކަތްތައް ވެސް ދަނީކުރިއަށެވެ.
އެހެންކަމުން މިހާތަނަށް އައިއިރު ޤާނޫނީ ގޮތުންނާއި، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަރުހަލާ ވަރަށް ބާރަށް އެބަ ކުރިއަށްދާކަން ސަރުކާރުން ފާހަގަކުރައްވައެވެ. މިނިވަންދުވަހުގެ ޖަލްސާގެ އިތުރުން ޕީއެސްއެމްގެ ޕަލްސް ޕްޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން ތާރީޚުން އެނގޭކަމަށެވެ. ރަައީސް ވިދާޅުވި އެކަމާއި ގުޅުންހުރި މަޝްވަރާތައް ކުރިއަށްދާކަމަށެވެ. ފޯޅަވަހި ނުވަތަ ޗާގޮސް އިނގިރޭސިންގެ ބެލުމުގެ ދަށުގައި ނެތްނަމަ، އެތަނުގެ ހަގީގީ ހައްގުވެރިންނަކީ ރާއްޖެކަމާއި މެދު ސުވާލު ނުއުފެދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ފޯޅަވަހި އޮތީ ތާރީޚީ ގޮތުން ބަލާއިރު އެތަށް ގޮތަކުން ރާއްޖެއާ ގުޅިފައި ކަމަށާއި، ފޯޅަވަހީގެ ޙައްޤުވެރި ފަރާތާ އެތަން ޙަވާލުކުރާނަމަ، އެތަން ހަވާލުކުރަން އެންމެ މުނާސަބު ޤައުމަކީ ދިވެހިރާއްޖެކަމަށެވެ. ޗާގޯސްއަކީ ރާއްޖޭގެ ސަރަހައްދުގައި ހިމެނޭތަނެއްކަން އެއީ ތާރީހުން ވަރަށް ސާފުކޮށް އެނެގެން އޮތްކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިހާރު އޮތްގޮތަށް އިނގިރޭސިންގެ ބެލުމުގެ ދަށުގައި ފޯޅަވަހި ބޭއްވުމުގައި މައްސަލައެއް ނެތްކަމަށެވެ.
"އެތަނަކީ ކުރީ ޒަމާނުގައި ދިވެހިރާއްޖޭގެ ތަނެކޭ. އެއީ ފެންނަން އޮތް ހަގީގަތެއް. އެތަނުގެ ހައްގުވެރިންނަކީ ރާއްޖެ. އެހެންނޫނިއްޔާ މިހާރު އޮތްގޮތަށް ކުރިއަށް ދިޔަޔަސް މައްސަލަ އެއް ނެތް" ރައީސް ވިދާޅުވިއެވެ.
ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމު އިއުތިރާޒުކޮށް އެކަމަށް ދިވެހި ދަޢުލަތުން ދެކޮޅު ހަދާކަން 18 ޖަނަވަރީ 2026ގައި އިނގިރޭސިވިލާތަށް ލިޔުމުން ހުށައަޅާފައިވެއެވެ. އަދި މިދިޔަ އަހަރު ޑިސެމްބަރު މަހު އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ދަ ރައިޓް އޮނަރަބަލް ޑޭވިޑް ލެމީއާއެކު އޮތް ފޯނު ކޯލުގައިވެސް، މި މައްސަލަ ސަމާލުކަމަށް ގެނެސްފައިވެއެވެ. މިއީ ގިނަ ދިވެހިންގެ އުއްމީދާއި ގުޅިފައިވާކަމަކަށް ވުމާއި އެކު މި މައްސަލަ ކުރިއަށްދާ ގޮތުގެ ތަފްސީލްތައް ވީހާވެސް ދެފުށް ފެންނަގޮތަށް އާއްމުންނާއި ޙިއްސާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ.