ޚަބަރު

ކޯޕާ އެމެރިކާގައި ކުޅޭނެތޯ ނިންމާނީ މެސީ އަމިއްލައަށް


2028 ވަނަ އަހަރު ބާއްވާ ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާގެ ގައުމީ ޓީމަށް ލިއޮނެލް މެސީ ކުޅޭނެތޯ ނިންމާނީ އޭނާ އަމިއްލައަށް ކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއޯ ޓާޕިއާ ބުނެފައިވަނީ ގައުމީ ޓީމާއިއެކު މެސީގެ ވިސްނުން ހުރި ގޮތެއް އަދި އެނގިފައިނުވާ ކަމަށާއި އެކަމާއި ގުޅޭ ގޮތުން އެސޯސިއޭޝަނުން އެއްވެސް ޕްރެޝަރެއް ނުކުރާނެ ކަމަށެވެ.

"އެސޯސިއޭޝަނުން އެކަމަށް އެއްވެސް ޕްރެޝަރެއް މެސީ އަކަށް ނުކުރާނެ. އެއީ އޭނާގެ އަމިއްލަ ނިންމުމަކަށް ވާނީ." ޓާޕިއާ ބުންޏެވެ.

އުމުރުން 39 އަހަރުގެ މެސީ ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން މި އަހަރު ބޭއްވި ފީފާ ވޯލްޑްކަޕްގެ ފައިނަލަށް އާޖެންޓީނާ ގެންގޮސްދީފަ އެވެ.

މީގެ އިތުރުން މެސީ ވަނީ 2021 އަދި 2024 ވަނަ އަހަރުގެ ކޯޕާ އެމެރިކާގެ ޗެމްޕިއަންކަންވެސް އާޖެންޓީނާ އާއިއެކު ހޯދާފައެވެ.

ޓާޕިއާ އިތުރަށް ބުނެފައިވަނީ މެސީ ދަނޑު މަތިން ފެނުމުން އެކަމާ އުފާކުރަނީ އޭނާ އެކަނި ނޫން ކަމަށާއި އެއީ ފުޓްބޯޅަ އަށް ލޯބިކުރާ އެންމެނަށްވެސް އުފާވެރިކަން ގެނެސްދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޓާޕިއާ އިތުރަށް ބުނެފައިވަނީ އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމަށް ބަދަލުތަކެއް ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އޭނާގެ ވިސްނުމަކީ އަދިވެސް ސްކެލޯނީ އާއި މަޝްވަރާކޮށް އޭނާ އެ މަގާމުގައި ބެހެއްޓުން ކަމަށެވެ.