2025 އަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހަރަކާތަތައް ކާމިޔާބު ކަމާއެކު ހިންގި އަހަރެއްކަމަށް އެ ބޯޑުގެ ރައީސް، މުޙަންމަދު ފައިޞަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، ސީބީއެމްގެ ފުލް މެމްބަރު ކްލަބާއި އެސޯސިއޭޓް ރެޕްރެޒެންޓޭޓިވްއާއިއެކު ކުރިއަށްދިޔަ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ، މިދިޔަ އަހަރުތެރޭ ކްރިކެޓް ކުޅޭ ތިން ސަރަހައްދުގައި 40 އަށްވުރެ ގިނަ މުބާރާތް ރާއްޖޭގައި ބޭއްވި ކަމަށެވެ. އަދި ބޯޑުގެ މައިގަނޑު މަސައްކަތަކަށް ވެފައިވަނީ ޖޫނިއަރ ވައިޑީޕީ ޕްރޮގްރާމް ކަމަށާއި، ކްރިކެޓް ކުޅޭ އައު ކުޅުންތެރިން އުފެއްދުންމަށް ފާއިތުވީ އަހަރު ކުރި މަސައްކަތަކީ ކާމިޔާބު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި ފާއިތުވި އަހަރުތަކުގައި ކުރެވުނު މަސައްކަތުން ސޯޅަ އަހަރާއި، 19 އަހަރުން ދަށުގެ އުމުރުފުރާ ޓީމުތައް އެކުލަވާލެވުނުކަން ފާހަގަކުރައްވައި، އެ ދެ ޓީމުވެސް 2025 ވަނަ އަހަރު ރާއްޖޭން ބޭރުގައި ބޭއްވި މުބާރާތްތަކުގައި ވާދަކޮށްފައިވާކަން ފައިސަލް ފާހަގަކުރެއްވައި، 2026 ގެ ބޯޑުގެ މައިގަނޑު މަސައްކަތަކީވެސް އެއީކަމަށް ފައިޞަލް ވިދާޅުވިއެވެ.
2027 ވަނަ އަހަރު ބާއްވާ ޤައުމީ އަންހެން ޗެމްޕިއަންޝިޕަށް ކުޅުންތެރިން ތައްޔާރުކުރުމާއި، ޤައުމީ ޓީމުގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ. މިގޮތުން، ދާދިފަހުން ޤައުމީ ޓީމަށް އަފްގާނިސްތާންގެ ތަޖްރިބާ ކާރު ކޯޗެއް ގެނެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކްރިކެޓް ވަސީލަތްތައް ތަރައްޤީކުރުމަށް ރޭވިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވައި، ޕެވިލިއަން ގައި ޤާއިމުކުރަމުންދާ ރިކަވަރީ ރޫމްގެ މައޫލޫމަތުވެސް މި ޖަލްސާގެ ބައިވެރިންނާ ފައިސަލް ހިއްސާކުރެއްވިއެވެ.
ފައިސަލްގެ ވާހަކަފުޅުގައި، ކްލަބްތައް އިތުރަށް ހަރަކާތްތެރިވުމަށާއި، ބޯޑުގެ ޖަލްސާތަކުގައި ކްލަބްތަކުން ބައިވެރިވުމުގެ މުޙިންމުކަން ފާހަގަކުރެއްވިއެވެ. އަދި، ކްރިކެޓް ކުރިއެރުވުމުގައްޔާއި، ކުޅުންތެރިން އުފައްދާ، ކުޅުންތެރިންގެ ހުނަރު އިތުރުކުރުމުގައި ކްލަބްތަކުގެ ރޯލު މިހާރަށްވުރެން ފުޅާކުރުމަށް އިލްތިމާސްކުރައްވައި، މިކަމުގައި ބޯޑުން ދެވެން އޮތް އެހީތެރިކަން މިހާރެކޭވެސް އެއްގޮތަށް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ފައިސަލް ވަނީ ކުލަބުތަކަށް ދެއްވާފައެވެ.
މި ޖަލްސާގައި ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓަށާއި، އޮޑިޓް ރިޕޯޓާ މެދު މެންބަރުން ކުރި ބައެއް ސުވާލުތަކަށާއި ހިޔާލުތަކަށް ޖަވާބު ދިނުމަށްފަހު ވަނީ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އަދި، 2026 ވަނަ އަހަރުގެ ކަލަންޑަރުވެސް ވަނީ ފާސްކޮށްފައެވެ. ކްރިކެޓް ބޯޑުގެ ހިންގާ ޤަވާއިދުގައިވާގޮތުގެ މަތިން ބޯޑުގެ 2026 ވަނަ އަހަރުގެ ބަޖެޓް ވަނީ 2025 ވަނަ އަހަރު ޑިސެމްބަރު މަހުބޭވި ހާއްސަ ޢާންމު ޖަލްސާއެއްގައި ފާސްކޮށްފައެވެ.