އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީ އާއި އަލަށް ގުޅުނު މޯގަން ރޮޖަރސް އާއި އެޓީމުގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކުރާ ކޯލް ޕާމާއަށް އެއްކޮށް ކުޅެވޭނެކަމަށް ޗެލްސީގެ ކޯޗު ޒާބީ އަލޮންސޯ ބުނެފިއެވެ.
އަލޮންސޯ ބުނިގޮތުގައި މިދެކުޅުންތެރިން އެކޮށް އެއްޓީމެއްގައި ކުޅުވުމަށް އޭނާގެ ޕްލޭނެއް އެޮބައޮތް ކަމަށާއި ރޮޖަރސްގެ ފުރަތަމަ ފެނިލުމުންވެސް ޓީމަށް ތަފާތު ގެންނާނެކަމަށެވެ. 6 އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން ޗެލްސީ އާއި ގުޅުނު ރޮޖަރސް ވޯލްޑް ކަޕަށްފަހު މިވަގުތު ޗުއްޓީގައި ހުރި ނަމަވެސް ސީޒަން ފެށެންވާއިރަށް އޭނާ ހުންނާނީ ތައްޔާރަށް ކަމަށާއި އަދި ޕާމާ އާއި ރޮޖަރސް ގުޅިގެން ކުޅޭތަން ފެނިގެންދާނެކަމަށެވެ.
ޕާމާ އާއި ރޮޖަރސް ސިފަކުރާގޮތުގައި އެދެކުޅުންތެރިންނަނީ ފުޓްބޯޅައިގައި އެންމެ ގާތް ދެ ރަހްމަތްތެރިންކަމަށާއި އަދި އެކުގައި ކުޅެން ޝައުގުވެރިވާކަން ރޮޖަރސް ހާމަކޮށްފައިވެއެވެ. އަލޮންސޯ ބުނީ ރޮޖަރސް އާއި ޕާމާ އެކުގައި ކުޅުމަށް އޭނާގެ ޕްލޭނެއް އެބައޮތް ކަމަށާއި އޭނާގެ ވިސްނުމާއެއްކޮށް މިދެކުޅުންތެރިން ގުޅިގެން ކުޅޭތަން ފެންނަކަމަށެވެ.
ޗެލްސީ އިން އަލޮންސޯގެ ކޯޗުކަމުގެ ދަށުން ޕްރީ ސީޒަން ފަށާ ފުރަތަމަ ޓުއަރގައި އޮސްޓްރޭލިއާގެ ސިޑްނީއަށް ގޮސްފައިވާއިރު އެޓީމުން މިސީޒަނަށް ކުރާ ވިޔަފާރިތައް އަދި ނުނިމޭކަމަށް ހަބަރުލިބެއެވެ. މިގޮތުން ކްރިސްޓަލް ޕެލަސް އަށް ކުޅެމުންދާ ފަރަންސޭސިވިލާތުގެ މެކްސޯންސް ލެކުއަރ އެޓީމަށް ގެންދާ ހަބަރު ވަރަށް އަވަހަށް އިވިގެންދާނެކަމަށްވަނީ ބެލެވިފައެވެ.
އުމުރުން 26 އަހަރުގެ ލެކުއަރ ވެގެންދާނީ 2022 ވަނަ އަހަރަށްފަހު ޗެލްސީއިން އެޓީމަށް ގެންދާ އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. އަލޮންސޯ ބުނީ ވިސްނުމާއި ފެންވަރަށް ބަލާއިރު އޭނާގެ ޓީމުގައި ހަމަހަމަ ކަމެއް ގެންގުޅެން ބޭނުންވާކަމަށެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް ދުވަސްވީ ކުޅުންތެރިން ޓީމުގައި ތިބުން މުހިންމު ވާނެކަމަށް އޭނާ ދެކޭކަމަށެވެ.
ޗެލްސީއިން ކުރިއަށް އޮތް ސީޒަނާއި ދިމާކޮށް މިހާރުވެސް އިތުރު ތިން ކުޅުންތެރިން ގެންގޮސްފައިވާއިރު އެޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ އަދަދު 40 އާއި ގާތް ކުރާތީ ޓްރާންސްފަރ މާކެޓް ބަންދު ވުމުގެ ކުރިން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަން ޖެހޭނެކަމަށްވަނީ ބެލެވިފައެވެ.
އަލޮންސޯ ބުނީ ޗެލްސީއިން ބިނާކުރަން ބޭނުންވާ ޓީމެއްގެ ތަސައްވުރު ވަރަށް ރަނގަޅަށް އެނގޭކަމަށާއި އެހެން ކަމުން ޓްރާންސްފަރ މާކެޓް ބަންދުވުމުގެ ކުރިން މިހާރު އޮތް ޓީމަށް ބަދަލުތަކެއް އަންނަތަން ފެނިގެންދާނެކަމަށެވެ.