ކްރިމިނަލް ކޯޓަށް ޤާޟީން ހޯދަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރި އިއުލާނުގައި ވަނީ ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހޯދަން ޢިއުލާންކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ގާޟީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލާފައިވަނީ މިމަހުގެ 16ވަނަ ދުވަހުގެ 12:00ގެ ކުރިން ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ގޮތުގައި އަސާސީ ޝަރުތުތަކުގެ އިތުރުން، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
މީގެ އިތުރުން އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
އަދި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުމާއި، ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
ޤާޟީކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ހިމެނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 37,700 ރުފިޔާ އަދި އެލަވަންސްތަކުގެ ގޮތުގައި 22،300 ރުފިޔާ އަދި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބިދެވޭނެކަމަށް އިއުލާނުގައިވެއެވެ.