ޚަބަރު

ޕީއެންސީ ދާއިރާތަކުގެ އިންތިޚާބަށްފަހު މަޤާމުތަކަށް 2,500 މަންދޫބުން


  • 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ

  • މި އިންތިޚާބުގެ ވޯޓާސް ލިސްޓު މިހާރުވަނީ އާންމުކޮށްފައި

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބަށްފަހު އިންތިޚާބީ އެކި އެކި މަޤާމުތަކުގައި 2500އަށްވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާނެކަމަށް އެޕާޓީން ބުނެފިއެވެ.

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގައި، އިންތިޚާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުންގެ ޙަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސްއެވެ.

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭގޮތުން މިއަދު އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު 30 ޖޫންއަށް ހަމަވެފައިވާއިރު، އެޕްލިކޭޝަންތައް ބަލައި ނިމިފައިވާކަމަށެވެ.

"އުފަލާއެކު އިއުލާންކޮށްން މުޅި ރާއްޖޭގައި މި އިންތިޚާބުގެ ކަންކަން ނިމިގެންދާއިރު އިންތިޚާބީ އެކިއެކި މަޤާމުތަކުގައި 2500 އަށްވުރެ ގިނަ އިންތިޚާބީ މަގާމުތަކުގައި އަޅުގަނޑުމެންގެ ހަރަކާތްތަކުގައި ރުކުރުވާލެވޭނެ. މިއީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީއެއް. މި ހުރިހާ ފަރާތްތަކަކީ އިންތިޚާބުވެގެން އިންތިޚާބީ މަގާމަކަށް އަންނަ ފަރާތްތަކެއް. އެފަރާތްތައް ޕާޓީ ކުރިއަރުވައި ސިޔާސަތުތައް ތަންފީޒުކުރަން މަސައްކަތްކުރާނެ" ޕީއެންސީގެ ތަރުޖަމާނު ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ވޯޓުލުން ކުރިއަށްދާނީ އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނައިން މަގާމުތަކަށް ކުރިމަތިލާފައިވާ ދާއިރާތަކުގައިކަމަށާއި، 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެކަމަށެވެ.

މާލޭގެ އިތުރުން ރަށްރަށުގައިވެސް ވޯޓުލުން ކުރިއަށް ގެންދާއިރު، މި އިންތިޚާބުގެ ވޯޓާސް ލިސްޓު މިހާރުވަނީ އާންމުކޮށްފައެވެ. ވޯޓާސް ލިސްޓުގެ ގޮތުގައި ބަލަނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފުތަރަށެެވެ. އެގޮތުން އިންތިޚާބުގައި ވޯޓުލެވޭނީ މިދިޔަ ޖޫންމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގައި އެޕާޓީގެ ނަމުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަނިކަމަށް ޕީއެންސީން މައުލޫމާތުދެއްވައެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އިތުރުން އިންތިޚާބާ ގުޅޭ އެކިއެކި ކަންކަމުގައި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވާކަމަށް އެޕާޓީން ބުންޏެވެ.

ޕީއެންސީގެ ހިންގާ ޤަވާއިދު އޮތްގޮތުން ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިއްބެވި މެމްބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، އެ ޕާޓީގެ ދާއިރާތަކުގެ ރައީސުން އިންތިހާބުކުރާނީ އެ ޕާޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ނެތް ދާއިރާތަކުގައި އެކަންޏެވެ.

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18އަށް ޕީއެންސީގެ މަތީ މަޖިލީސް ބާއްވަން ހަމަޖެހިފައި ވާތީ، އޭގެ ކުރިން ދާއިރާތަކުގެ އިންތިޚާބުގެ ކަންކަން ނިންމުމަަށް އެޕާޓީން ވަނީ އަމާޒުހިފާފައެވެ.