ގަރލް ގައިޑު ހަރަކާތަކީ ޤައުމު ބިނާކުރުމަށް ބޭނުންވާ ހަރުދަނާ ޚިދުމަތްތެރި އަންހެނުން ބިނާ ކުރާ ހަރަކާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ ޤައުމީ ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޤައުމީ ގަރލް ގައިޑު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވަނީ ރާއްޖޭގައި ގަރލް ގައިޑު ޚިދުމަތް ފެށިގެން އައި ތާރީޚަށް އަލިއަޅުވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ ގައިޑުގެ 75 އަހަރުވީ ދިގު ތާރިޚުގެ ތެރެއިން އެ ޚިދުމަތުގެ ބޭނުންތެރިކަން އެކި ދުވަސްވަރު މަތިން ފެނިގެން ގޮސްފައިވާ ކަމަށެވެ. މިވީ ތާރީޚުގެ ތެރެއިން މިއަހަރު ފުރަތަމަ ފަހަރަށް ގަރލް ގައިޑު ޚިދުމަތް ސަރުކާރުން ބަލައިގަނެ އެކަމަށް ޚާއްސަ ދުވަހެއް ފާހަގަކުރަން ފެށުމަކީ މި ޚިދުމަތައް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ރާއްޖޭގައި ގައިޑް ޚިދުމަތް 1950 ގެ އަހަރުތަކުގައި ފެށިގެން އައިއިރު، އޭރުވެސް ސަރުކާރުގެ ރަސްމީ މުނާސަބާތަކުގައި ކަންކަން ތަރުތީބުކޮށް އިންތިޒާމުކޮށް ހަމަޖެއްސުމަށް ގައިޑުން މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖެ އދ. މެންބަރު ޤައުމަކަށް ވުމަށް ފަހު ބޭރު ޤައުމެއްގެ ވެރިއެއްގެ ގޮތުގައި އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ ރާއްޖެއަށް ވަޑައިގެންނެވިއިރުވެސް ގައިޑުންގެ ފާހަގަކޮށްލެވޭ ދައުރެއް ފެނިގެން ދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ޤައުމެއް ބިނާކުރުމަކީ މީހުން ބިނާކުރުން ކަމުގައި ވީހިނދު، ގައިޑު ހަރަކާތް ވެގެންދަނީ އަންހެނުން ބިނާކުރާ މުހިންމު ޚިދުމަތަކަށް ކަމަށެވެ.
"ޝައްކެއް ނެތް ޤައުމު ބިނާކުރުމަކީ މީހުން ބިނާކުރުން. މީހުން ބިނާކުރާއިރު އަންހެނުންނާ ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭ. ގަރލް ގައިޑުން އުފައްދާ ދެމެހެއްޓުމުން އެކަން ހިމެނިގެން ދަނީ، މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން. އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް މުހިންމު ޚިދުމަތެއްގެ ގޮތުގައި. ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން އެއީ. ވަރަށް މުހިންމު ބިނާކުރުމެއް." ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވިއެވެ.
މިހަރަކާތުގެ ތެރެއިން ގަޑިއަށް ފަރުވާތެރިވުމަށާއި، މުރާލިވެ ޒިންމާތަކަށް ފަރުވާތެރިވާން ދަސްކޮށްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި ނުރަނގަޅު ވިސްނުންތަކާއި ޚިޔާލުތަކާއި ދުރުވެ، ތޫނުފިލި ސިނކުޑިއެއް ލިބިގަތުމެއް ދަސްކޮށްދީ އިންސާނީ އެހީތެރިކަމަށް ގައިޑު ހަރަކާތުން ބާރުއަޅާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޤައުމުގެ ޚާއްސަ ދުވަސްތަކާއި ޤައުމަށް ދިމާވާ އެކި ކާރިސާތަކުގައި ގައިޑުން ޚިދުމަތުގެ ކުރީސަފުން ފެނިގެންދާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުންވެސް މި ހަރަކާތަކީ މުޖްތަމަޢުގެ ބައެއް ކަމަށް ދައްކުވައިދޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވަނީ މި ވޭތުވެ ދިޔަ ދެ އަހަރު ތެރޭ ޗީފް ގައިޑުގެ ހައިސިއްޔަތުން ގައިޑުންނާއެކު ކުރެވުނު ތަޖުރިބާގެ އަލީގައި މި ހަރަކާތަކީ ޤައުމަށް އެތައް ގޮތަކުން ބޭނުންތެރި ޚިދުމަތެއް ކަމަށް ވިދާޅުވެފައެވެ.
"ތިޔަ ބޭފުޅުންނަކީ ހަރުދަނާކަން ބިނާކުރާ ބައެއް، ތިޔަ ބޭފުޅުންނަކީ ހުނަރުވެރިކަން އިތުރު ކުރާ ބައެއް. ތިޔަބޭފުޅުންނަކީ ތޫނުފިލިކަން ތޫނުކުރާ ބައެއް. އަދި ތިޔަބޭފުޅުންނަކީ މަސައްކަތުގެ ފަރުވާތެރިކަމާޢި އިންސާނީ ކުލުނު ޖަމާޢާތުގައި އަށަގަންނަވާ މުހިންމު ޢައްދާމުން. މިގޮތުން އަޅުގަނޑު ތަޖުރިބާ އަޅުގަނޑަށް ބުނެދެނީ ގާލްގައިޑުގެ އަހަމިއްޔަތު." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި ގައިޑު ހަރަކާތުގައި މީގެ ކުރިން ޚިދުމަތް ކުރެއްވި ފަރާތްތަކާއި މިހާރު ޚިދުމަތް ކުރައްވަމުންގެންދާ ފަރާތްތަކަށް ޝުކުރު އަދާކޮށް ދުވަހުގެ މަރުޙަބާ އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވާލެއްވީ ގައިޑު ހަރަކާތައް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެމުންނެވެ.