ކޮންމެ ކަމެއްވެސް ކާމިޔާބު ކުރަން ބޭނުންވަނީ ނުގުނޑާފަދަ ވަރުގަދަ އަޒުމެކެވެ. މި އަޒުމަށް ވާސިލްވުމަށް އިޚްލާސްތެރިކަމާއެކު ކުރާ މަސައްކަތް ކާމިޔާބުވާނެކަން އުމުރުން 19 އަހަރުގައި ކޮންސްޓެބަލް އިބްރާހިމް އިރްފާހު މިވަނީ ސާބިތުކޮށްދީފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީން ކޯހަކީ ކޮންމެ ފުލުހަކުވެސް ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ. މި ކޯހުގެ 42 ބެޗުގެ ކިޔެވުން ނިމި އެތައްހާސް ފުލުހަކު ދަސްވެނިވެފައިވާއިރު ކޮންމެ ބެޗެއްގައިވެސް ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ ނަމަކީ ފުލުުހުންގެ ތާރީޚުގައި ލިޔެވިގެންދާ ނަމެކެވެ. މިފަހަރު މި ފަޚުރުވެރި މަޤާމު ހާސިލްކުރީ ހއ. ހޯރަފުށި އަހުމަދު ނަސީމްއާއި އައިމިނަތު ގުރައިޝާ އެންމެ ހަނގު ފިރިހެން ދަރިފުޅު ކޮންސްޓެބަލް އިބްރާހީމް އިރުފާހުއެވެ.
އުމުރުން 19 އަހަރުގެ އިރްފާހު ފުލުހުންގެ އަސާސީ ތަމްރީން ކޯހާ ގުޅުނީ ފުލުހުންގެ ވަޒީފާއަށް ވަނުމަށްފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ. އޯލެވެލް ނިންމައި، އައިޓީ ދާއިރާއިން ކުރިއަށްދިޔުމުގެ އަޒުމުގައި އެ ދާއިރާގެ ލެވެލް 4ގެ ސެޓްފިކެޓް ކޯސް ފުރިހަމަކުރިނަމަވެސް ތަހުގީގުކުރުމާއި ފޮރެންސިިކް މަސައްކަތަކީ އިރްފާހު އަބަދުވެސް ޝައުގުވެރިވާ މަސައްކަތެކެވެ. އެހެންކަމުން ފުލުހުންގެ ވަޒީފާއަށް ހުޅުވާލުމުން ޚިދުމަތާ ގުޅުނީ ކަމަށް އިރްފާހު ޕީއެސްއެމް ނިއުސްއަށް ކިޔައިދިނެވެ.
އިރްފާހު ބުނިގޮތުގައި އޭނާ އަސާސީ ތަމްރީން ކޯހުގައި ބައިވެރިވީވެސް ފަޚުރުވެރި ވަނައެއް ހޯދައިގެން ކޯސް ފުރިހަމަކުރުމުގެ އަޒުމުގައެވެ. ނަމަވެސް މުޅި ކޯހުގެ އެންމެ މޮޅު ދަރިވަރަށްވެ، ކޮމިޝަނަރސް އެކްސެލްސީ އެވޯޑު ލިބޭނެކަމުގެ އުއްމީދު އޭރު ނުކުރާ ކަމަށާއި މަސައްކަތް ކުރީ ސޮކޮޑްގެ އެންމެ މޮޅު ދަރިވަރަށްވާން ކަމަށް އިރްފާހު ބުންޏެވެ.
ހާޖީ ސްކޮޑުގެ އެންމެ މޮޅު ދަރިވަރަށްވުމަށް އިރްފާހު ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ، އިމްތިޚާނުތަކުގައި ރަނގަޅު ނަތީޖާތަކެއް ލިބިގެންދިޔުމެވެ. އެއާއެކު ކޯހުގެ މެދުތެރެއިން، މުޅި ކޯހުން އެއްވަނަ ހޯދޭނެކަމުގެ އުއްމީދުއާވެ، އެކަން ހާސިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރީ ކަމަށް އިރްފާހު ބުންޏެވެ. އިރްފާހުގެ މި ބުރަ މަސައްކަތުގެ ނަތީޖާއަކީ މިއަދު އޭނާ ހާސިލްކުރަން ބޭނުންވި މަޤާމު ހާސިލްވެ، ކޯސްފުރިހަމަ ކުރި 140 ފުލުހުންގެ ތެރެއިން އެންމެ މޮޅު ފުލުހަށްވުމެވެ.
"އަބަދުވެސް ބޭނުންވި މަންމައާއި ބައްޕަ ފަޚުރުވެރިވާފަދަ ކަމެއް ކުރަން. ކޯހުގައި އަސްލު ފުރަތަމަ މަސައްކަތް ކުރީ ސްކޮޑް ބެސްޓަށް. އެކަމަކު ފަހުން ކޮމްޕެނީ (ކޯސް) ބެސްޓަށްވެސް ޓްރައިކުރީ. ކޮމްޕެނީ ބެސްޓް ލިބުނުކަން އެނގުމުން ބުނަން ނޭނގޭކަހަލަ އިހުސާސެއް ކުރެވުނީ. ވަރަށް އުފާވޭ އެ ކުރި މަސައްކަތް ކާމިޔާބުވިކަން އެނގުނީމަ" އިރްފާހު ކިޔައިދިނެވެ.
އިރްފާހުގެ އަމާޒަކީ ރައްޔިތުންނާއި އެހެން ފުލުހުންނަށްވެސް ނަމޫނާ ފުލުހަކަށް ވުމެވެ. ރައްޔިތުންނާއި ޤައުމަށް، އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްދިނުމެވެ. ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދަމަހައްޓައި، ރައްޔިތުންނާއި ފުލުހުންނާމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ. ރައްޔިތުން ބޭނުންޖެހޭ ކޮންމެ ހާލަތެއްގައި ޚިދުމަތުގައި ކުރިއަށްދިއުމެވެ.
މިކަންކަން ހާސިލްކުރުމަށް އިރްފާހު ބޭނުންވަނީ ފުލުހުންގެ ޚިދުމަތުގައި ޢިލްމީ ގޮތުންނާއި ތަމްރީނުގެ ގޮތުން ދެވެން އޮތް އެންމެ މަތީ ފަންތިއަކަށް ދިއުމެވެ.
"އަޅުގަނޑު ބޭނުންވަނީ ރައްޔިތުން އިތުބާރު ކުރާ ފުލުހަކަށްވާން. މި ދާއިރާގައި އެންމެ މުހިންމު ކަމަކީ އިޚްލާސްތެރިކަން. އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމުގައި އަޅުގަނޑު ދެމި ހުންނާނަން" އިރްފާހު ބުންޏެވެ.
އިރްފާހުގެ މި މަސައްކަތުގައި އޭނާގެ އެންމެ ބޮޑު ހިތްވަރަކީ އާއިލާއެވެ. ދަރިފުޅު އަބަދުވެސް ފަޚުރުވެރިވާނެ މަސައްކަތެއް ކުރާނެކަމަށް އުއްމީދުކުރި ކަމަށާއި މިއަދު އެ މަންޒަރު ފެނުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށް އިރްފާހުގެ މަންމަ ބުންޏެވެ.
ކޯސް ނިންމާލުމަށްފަހު އިރްފާހު ބޭނުންވަނީ ރައްޔިތުންނާ ގާތުން، ފްރަންޓްލައިންގައި މަސައްކަތް ކުރާށެވެ. އެ ތަޖުރިބާތަކަށްފަހު ވަކި ދާއިރާއެއް ކަނޑައަޅައި އެ ދާއިރާއަކުން ދެވެން އޮތް އެންމެ ކުރިއަށް ދިއުމަކީ މިހާރު އޭނާގެ އަޒުމެވެ.
ފުލުހުންގެ ޚިދުމަތަކީ އެކި ބަހާތަކެއް ހިމެނޭ ޚިދުމަތަކަށްވާއިރު ޤައުމަށް ޚިދުމަތް ކުރުމަށް ވީހާވެސް ގިނަ ޒުވާނުން އެ ޚިދުމަތާ ގުޅުމަށް އިރުފާހު އެދެއެވެ. ނަމަވެސް އިރުފާހުގެ އޮތީ އެންމެ ނަސޭހަތެކެވެ. ފުލުހަކަށްވާންވާނީ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަޒުމުގައިކަމެވެ.