ދުންފަތުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ވިޔަފާރިވެރިން އިސްނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުން އިސްތިއުމާލުނުކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މ.މުލަކުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. އެކަމަނާގެ ވާހަކަފުޅުގައި ދުންފަތުގެ ނުރައްކާތެރިކަން ފާހަގަކުރައްވައި، އެ ވަބާއިން ސަލާމަތްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ދުންފަތުން ލިބޭ ޞިއްޙީ ގެއްލުމަކީ އެތައް ޖީލުތަކަކަށް ދެމިގެންދާ އެތައް ބަޔަކަށް ފެތުރިގެންދާ ޞިއްޙީ ކާރިސާއެއް ކަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހާއަށް އެކަނި އޭގެ އަސަރުކުރާ ކަމަށް ކުރިން ހީވެފައި އޮތް ނަމަވެސް، އޭގެ އަސަރު ބޭނުންކުރާ މީހާގެ އިތުރުން ބޭނުންކުރާ ވަގުތު އެތަނުގައި ހުންނަ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހާއާއި އޭނާ ދިމާވާ މީހުންނަށްވެސް ކުރާކަން ދިރާސާތަކުން ދައްކާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރެއިން ގިނަ މީހުން މަރުވަނީ، ދުންފަތާ ގުޅުންހުރި ބަލިތަކުގައިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އެ ވަބާގެ ސަބަބުން އެ މީހާއަށް ލިބޭ ދަރިންނަށްވެސް ގޮތްނޭނގޭ ޞިއްޙީ މައްސަލަތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެކަމަނާ ވިދާޅުވީ، ސަލާމަތްތެރިކަމާއި ޞިއްޙީ ދުޅަހެޔޮކަން ހޯދުމަށް ބޭނުންވަނީ ހަރުދަނާ އަޚްލާޤަކާއި ނުގުޑާނެ އަޒުމެއް ކަމަށެވެ.
"ދުންފަތުގެ ގެއްލުންތަކާމެދު ވިސްނާއިރު އެއީ އިސްރާފުކުރެވޭ ފައިސާތަކެއް. ހަށިގަނޑަށް ގެއްލުންދޭން ކުރެވޭ ޚަރަދުތަކެއް. ދެވަނަ ކަމަކަށް ދިރި ހުރުމަށާއި ދިރިއުޅުމަށް ހުރަސް އެޅޭ ކަމެއް. ފުއްޕާމޭގެ ބަލިތަކާއި، ކެންސަރާއި ހިތުގެ މައްސަލަތަކާއި، މިހެން ގޮސް ހަށިގަނޑުގެ އެތެރޭގެ ހިންގުމުގެ މުޅި ނިޒާމު ފެއިލްކޮށްލާ ވިހައެއް،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން މަސައްކަތްތައް ކުރައްވަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކަމުގައި އެންމެން އަތުގުޅާލައި މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.
"ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމަށް ކެފޭތަކާއި، ރެސްޓޯރެންޓުތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރަން އަޅުގަނޑު ގޮވާލަން. ދުންފަތުން ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމުގައި ވިޔަފާރިވެރިން އިސްނެންގެވުމަށް އަޅުގަނޑު ގޮވާލަން. ޞިއްޙަތަށް ގެއްލުން ލިބޭ އެއްވެސް ކަމަކީ، އަޅުގަނޑުމެން އެއްވެސް މީހަކު ރުހި ޤަބޫލުކުރާނެ ކަމެއް ނޫން. އެހެންވީމާ ދުންފަތާމެދު ހޭލުންތެރިވެ އަމިއްލަ ނަފުސު ދުންފަތުގެ ވަބާއިން ސަލާމަތް ކުރުމުގެ ޖިހާދެއް ދުންފަތުގެ އިސްތިއުމާލު ކުރާ ކޮންމެ ފަރާތަކުންވެސް އައު އަމާޒަކާއެކު ފަށަމާތޯ." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މިއަހަރުގެ ޝިޢާރަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އެކި ދުވަސްވަރު އެކި ގޮތްގޮތަށް ދުންފަތް އިޝްތިހާރު ކުރަމުންދާ ކަމަށެވެ. މިހާރު އާންމުކޮށް އެފަދަ އިޝްތިހާރު ނުކުރެވުނު ނަމަވެސް އަދިވެސް ސިއްރުން ތަފާތު ގޮތްގޮތުން މީހުން ޝައުޤުވެރި ކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ ދަލުގައި ޖެހުމަށްވުރެ ތޫނުފިލިކަން އިސްކުރެއްވުމަށް އެކަމަނާ ގޮވާލެއްވިއެވެ.