ސަޢުދީ ޢަރަބިއްޔާގެ ތެޔޮ ކުންފުނި އަރާމްކޯއިން ގަލްފުގެ ރައުސު ތަނޫރް ޓާމިނަލުން ސާފުނުކުރާ ތެޔޮ ބަރުކުރަން އަނެއްކާ ވެސް ފަށައިފިއެވެ. ސަޢުދީ ޢަރަބިއްޔާއިން ރައުސު ތަނޫރް މެދުވެރިކޮށް ތެޔޮ ބަރުކުރަން ފަށާފައި މި ވަނީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ފަހުގައެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ދަތިތަކަށްފަހު ތެޔޮ އެކްސްޕޯޓުކުރާ ކުންފުނިތަކުން އާންމު ޙާލަތަށް ރުޖޫޢަވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ރައުސު ތަނޫރަކީ ސަޢުދީ ޢަރަބިއްޔާގެ އިރުމަތީ އައްސޭރިއަށް ވާގޮތަށް ގަލްފުގައި އޮންނަ ސަރަޙައްދެކެވެ. ރައުސު ތަނޫރު އޮންނަނީ ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިގެ ހުޅަނގުގައެވެ. މެދުއިރުމަތީގެ ހަނގުރާމަ ފެށުމުގެ ކުރިން ރައުސު ތަނޫރު މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 5 މިލިޔަނަށްވުރެ ގިނަ ފީފާގެ ތެޔޮ ދިޔައީ ބޭރުކުރަމުންނެވެ. ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑު ތެޔޮ ރިފައިނަރީ ވެސް ހުންނަނީ ރައުސު ތަނޫރުގައެވެ. ދުވާލެއްގެ މައްޗަށް 550،000 ފީފާގެ ތެޔޮ އުފައްދާ އެ ރިފައިނަރީ ވެސް ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ފެށުނު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި ބަންދުކޮށްފައެވެ.
މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް އީރާނާއި އެެެމެރިކާއާ ދެމެދު އިބްތިދާއީ އެއްބަސްވުމެއް ވުމާއެކު މެދުއިރުމަތީގެ ތެޔޮ ކުންފުނިތަކުން ވަނީ އެ ކުންފުނުތަކުން ބާޒާރަށް ނެރޭ ތެލާއި ގޭހުގެ ޢަދަދު އިތުރުކުރުމަށް މަސައްކަތް ފަށާފައެވެ.
ސަޢުދީ ޢަރަބިއްޔާގެ ޝިޕިންގ ކުންފުނި ކަމަށްވާ ބަހްރީއަށް ނިސްބަތްވާ ތެޔޮ އުފުލާ ދެ ބޮޑު ކެރިއަރު، ނުވަތަ ވީއެލްސީސީއަށް ރައުުސު ތަނޫރުގައި ތެޔޮ ބަރުކުރާ މަންޒަރު ވަނީ ފެނިފައެވެ. އަދި އިތުރު ކެރިއަރެއް ވެސް ކިޔޫގައި އޮތް ކަމަށް މަޢުލޫމާތު ލިބެއެވެ. ކޮންމެ ވީއެލްސީސީއަކަށް 2 މިލިޔަން ތެޔޮ ފީފާ ބަރުކުރެވެއެވެ.
އަރާމްކޯ ހިމެނެނީ ގަލްފުގެ ތެޔޮ ކުންފުނިތަކުގެ ތެރެއިން ގަލްފުގެ ތެރެއިން އެކްސްޕޯޓުތައް އެންމެ ލަހުން ފަށާ ކުންފުނިތަކުގެ ތެރޭގައެވެ. އަރާމްކޯއިން އެންމެ ފަހުން ރައުސު ތަނޫރު ބަނދަރު މެދުވެރިކޮށް މުދާ ބަރުކޮށްފައި ވަނީ މާރިޗު މަހުގެ 8ވަނަ ދުވަހުއެވެ. އެއީ ޗައިނާއަށް ދަތުރުކުރި އުޅަނދަކަށެވެ. އެއަށްފަހު އަރާމްކޯއަށް އެ ކުންފުނީގެ އެކްސްޕޯޓުތައް ރަތް ކަނޑުގެ ޔަންބޫ ބަނދަރަށް ބަދަލުކުރަން ޖެހުނެވެ. އެއީ ހަނގުރާމައިގެ ސަބަބުން އީރާނުން ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސް އެޅުމާ ގުޅިގެންނެވެ.
ހަނގުރާމައިގެ ކުރިން ސަޢުދީ ޢަރަބިއްޔާއިން ދިޔައީ ދުވާލެއްގެ މައްޗަށް ހަތް މިލިއަނަށްވުރެ ގިނަ ތެޔޮ ފީފާ އެކްސްޕޯޓު ކުރަމުންނެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އެ ޢަދަދު ވަނީ ހަތަރު މިލިޔަން ފީފާއަށް ދަށްވެފައެވެ.
ސަޢުދީ ޢަރަބިއްޔާއިން ރަައުސު ތަނޫރުން ތެޔޮ ބަރުކުރަން ފަށާފައި މި ވަނީ ޓައިވާނުގެ އުޅަނދަކަށް ހުރްމުޒް ކަނޑުއޮޅީގައި ގޮތް ނޭނގޭ ޙަމަލާއެއް ޖޫން މަހުގެ 25ވަނަ ދުވަހު އަމާޒުވެފައި ވަނިކޮށެވެ. އީރާނުން ބުނީ އިބްތިދާޢީ އެއްބަސްވުމެއް ޤާއިމްކޮށްފައި އޮތް ނަމަވެސް ކަނޑައެޅިފައިވާ ރޫޓު ނޫން މަގުތަކުން ދަތުރުކުރާ އުޅަނދުފަހަރަށް ހުރްމުޒް ކަނޑުޅިން ރައްކާތެރިކަމާއެކު ދަތުރު ނުކުރެވޭނެ ކަމަށެވެ.