ގައުމީ ލީގާ ގައުމީ ވޮލީ މުބާރާތުގައި ކޮންމެ ގައުމެއްގެ ބިދޭސީ ކުޅުންތެރިއަކަށްވެސް ކުޅުވޭނެކަމަށް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންއިން ބުނެފިއެވެ.
ކުރިން ގައުމީ ލީގްގައި ކުޅެވެނީ ސެންޓްރަލް ޒޯންގެ 01 ކުޅުންތެރިއަކާ ސެންޓްރަލްއިން ބޭރުން 01 ކުޅުންތެރިއަކަށެވެ. އަދި މީގެ ކުރިން ގައުމީ އަންހެން މުބާރާތުގައި ކުޅެވެނީ ބިދޭސީ އެންމެ ކުޅުންތެރިއަކަށެވެ. ނަމަވެސް ގަވާއިދަށް މިގެނައި ބަދަލްއާއެކު އަލަށް ތައާރަފްކުރާ އަންހެން ލީގުގައި ކޮންމެ ޓީމަކަށްވެސް އެކުލަބަކުން ބޭނުންވާ ބިދޭސީ 2 ކުޅުންތެރިން ގެނައުމުގެ ފުރުސަތު މިހާރުވަނީ ހުޅުވިގެން ގޮސްފައެވެ.
މިއަދު ވޮލީ ބޯލް އެސޯސިއޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިގަވާއިދަށް ބަދަލް ގެނައީ މުބާރާތުގެ ފޯރި އިތުރަށް ވަރުގަދަކޮށް، ދިވެހި ކުޅުންތެރިންނަށް މޮޅެތި ބިދޭސީ ކުޅުންތެރިންނާ ދެކޮޅަށް އަދި އެކުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންކަމަށެވެ. އާންމު ގޮތެއްގައި ސެންޓްރަލް ޒޯންއިން ކުޅުންތެރިން ހޯދުމަކީ ވަރަށް އުނދަގޫ ކަމެއްކަމާށާ ސެންޓްރަލް ޒޯންއިން ގިނަ ފަހަރު ގެންނަ ކުޅުންތެރިންނަކީ ރާއްޖޭގެ ކުޅުންތެރިންނަށް ވުރެއް ތަފާތު މޮޅެތި ކުޅުންތެރިންތަކެއް ނޫންކަމަށްވެސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14766260395635.jpg|ނިމިގެންދިޔަ އެސޯސިއޭޝަން ކަޕްގެ ތެރެއިން (ފޯޓޯ:ޕީއެސްއެމް)
"އަޅުގަނޑުމެން ރަނގަޅު ބޭރު ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބޭނުމަކީ ދިވެހި ކުޅުންތެރިންނަށް މިހާތަނަކަށް ނެތް ވާދަވެރި މެޗްތަކެއް ކުޅުމުގެ ފުރުސަތެއް ބޭރު ކުޅުންތެރިންނާއެކު ލިބިފައެއް. އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ ބޭރުގެ މޮޅު ކުޅުންތެރިންނާއެކު ކުޅެ، އެކުޅުންތެރިންޖަހާ ސޮޓްތަކާ ކުރާ ސަރވިސްތަށް ރިސީވްކޮށް، ޑިފެންސް ކުރުމުގެ ފުރުސަތުވެސް ލިބިގެން. އަދި އެކުޅުންތެރިންގެ ބްލޮކްތަކާއެކު ސޮޓް ޖެހުމުގެ ފުރުސަތުވެސް ލިބިގެން." ލަތީފް ވިދާޅުވިއެވެ.
img:http://s2.psmnews.mv/images/660x400/14766262968958.jpg|ނިމިގެންދިޔަ އެސޯސިއޭޝަން ކަޕްގެ ތެރެއިން (ފޯޓޯ:ޕީއެސްއެމް)
ލަތީފް ވިދާޅުވީ މިއީ އެސޯސިއޭޝަންއިން ކުރާ ވަރަށް ބޮޑު ތަޖުރިބާއެއްކަމަށާ މީގެ އަލީގައި މިއަންނަ އަހަރު ގަވާއިދަށް އިތުރު ބަދަލްތަކެއް ގެންނަން ޖެހިއްޖެކަމުގައިވާނަމަ އެބަދަލްތަށްވެސް ގެންނާނެކަމަށެވެ. ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިހާ ކުރިން މުބާރާތުގެ ގަވާއިދަށް މިގެނައި ބަދަލް އާންމުކުރީވެސް ކުލަބްތަކަށް ފަސޭހަކުރުމުގެ ގޮތުންކަމަށާ ކުލަބްތަކަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ކަންތަށްތަށް ހަމަޖެއްސުމަށް އެކުލަބްތަކަށް ވަގުތު ބޭނުންވާނެކަމަށްވެސް ލަތީފް ވިދާޅުވިއެވެ.