ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަރުމަނާ ދެކޮޅަށް ނުކުންނާނީ އެ ގައުމު ކުޅޭތަން ބަލަން ތިބެން ނޫން ކަމަށާއި އަމާޒަކީ ޖަރުމަނު ބަލިކުރުން ކަމަށް އައިވަރީ ކޯސްޓުން ބުނެފި އެވެ.
ކޯޗު އެމާސް ފަޔޭ ބުނީ ޖަރުމަނަކީ ވޯލްޑް ކަޕުގެ ތާރީހުގައި ކިތަންމެ ވަރުގަދަ ޓީމަކަސް މި މެޗުގައި ދެ ޓީމު ވެސް ހަމަހަމަވާނެ ކަމަށެވެ.
"އަހަރުމެން މިދަނީ އެ މީހުން ކުޅޭތަން ބަލަން ތިބޭކަށް ނޫން. އަހަރުމެންގެ އަމާޒަކީ އެ މީހުން ބަލިކުރުން. އަހަރުމެންގެ ބޭނުންވަނީ މި މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު އަހަރުމެންގެ ޓްރޭނިން ބޭސް އަށް އައުން. މިއީ ނުކުރެވޭނެ ކަމެއް ނޫން،" ކޯޗު ބުންޏެވެ.
2023 ވަނަ އަހަރުގެ އެފްރިކާގެ ޗެމްޕިއަން ޓީމުން ބުނީ ކިއުރަސާއޯ ކޮޅަށް ހަތް ލަނޑު ޖެހި ޖަރުމަނު ޓީމަށް ކޮންމެ މެޗެއްގައި އެވަރަށް ގޯލު ޖެހުމަކީ ވެސް ވާނެ ކަމެއް ނޫން ކަމަށެވެ.
"އަހަރުމެންނަކީ މި މެޗުގެ ފެވަރިޓުން ކަމަށް ނުދެކެން. އެކަމަކު ޖަރުމަނު އެ ޖެހިވަރަށް ކޮންމެ މެޗެއްގައި ގޯލު ޖެހޭނެ ކަމަށް އެކަކު ވެސް އުއްމީދު ކޮށްގެން ނުވާނެ. މިއީ ވޯލްޑް ކަޕް. އަހަރުމެން ތައްޔާރުވެއްޖެނަމަ އެ މީހުން ބަލި ކުރެވޭނެ،" ކޯޗު ބުންޏެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އައިވަރީ ކޯސްޓް މޮޅުވީ އިކުއެޑޯ އަތުން 1-0އިންނެވެ.