ކުޅިވަރު

ބަދަލު ހިފުމުގެ ވިސްނުމެއް ނެތް: ޑެޝޯން


މީގެ 24 އަހަރު ކުރިން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސެނެގާލް އަތުން ބަލިވުމަކީ ފްރާންސްގެ އެންމެ ބޮޑު ލަދުވެތި ނަތީޖާ އެވެ. ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި މުބާރާތާ ކުރިމަތި ޓީމު ފުރަތަމަ ބުރުން ކަޓައިގެން ދާން ޖެހުނީ ވެސް މުބާރާތުގެ ފުރަތަމަ މެޗުގައި ސެނެގާލް އަތުން ބަލިވެގެން މެދުވެރިވި ހިތްދަތިކަމުން އަރައި ނުގަނެވި އެވެ. އެ ފަހުން މި ދެ ގައުމު ވޯލްޑް ކަޕުގައި ވާދަކުރާއިރު މުޅި ދުނިޔެ ވެސް މިހާރު އެ ދައްކަނީ މި ވާހަކަ އެވެ.

"އަހަރުމެން ބަދަލު ހިފާކަށް ނެތިން. އަހަރެންނަށް އެނގޭ ނޫސްވެރިން ވަރަށް ޝައުގުވެރިވާނެކަން މި ބަހަށް. އެކަމަކު މި ބަސް މުހިންމެއް ނޫން. އަހަރެންނަށް ޔަގީނެއް ނޫން އެ މެޗުގެ ހަނދާން (ފްރާންސްގެ މިޑްފީޑަރު އުމުރުން 35 އަހަރުގެ އެންގޯލޯ) ކާންޓޭ ވެސް ހުންނާނެ ކަމާމެދު. އެހެންވީމާ އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް،" 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ފްރާންސަށް ހޯދައިދިން ކެޕްޓަން ބުންޏެވެ.

ޑެޝޯން ބުނީ ސެނަގާލް ޓީމަކީ ވަރަށް މޮޅު ކުޅުންތެރިން ތިބި ޓީމެއް ކަމަށާއއި ހާއްސަ މިޑްފީލްޑް ލައިން ފާހަގަ ކޮށްލެވޭ ކަމަށެވެ.

މި މެޗުގެ ކުރިން ކާންޓޭ ވެސް ވާހަކަ ދެއްކި އެވެ. ޑެޗޯގެ އިރުޝާދުގެ ދަށުން 2018 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ފްރާންސް ޓީމުގައި ކުޅުނަސް އަނިޔާގެ ސަބަބުން އެންމެ ފަހުގެ ވޯލްޑް ކަޕް ނުކުޅެވުނު މިޑްފީލްޑަރު ބުނީ މި މެޗު މުހިންމު ވަނީ ފެށުން ރަނގަޅު ކުރަން ކަމަށެވެ.

މުބާރާތުގެ ފެށުން ވަރަށް ރަނގަޅު ކުރަން ޖެހޭ. އަހަރުމެންނަށް ފެނިއްޖެ ފުރަތަމަ މެޗު ކާމިޔާބު ނުކުރެވިއްޖެނަމަ ދިމާވާނެ މައްސަލަތައް އެކި ޓީމުތަކުގެ ފަރާތުން. އެހެންވީމާ މި މެޗު ކާމިޔާބު ކުރުމަކީ އަހަރުމެންނަށް އިތުބާރު ލިބިގެންދާނެ ކަމެއް. އެކަމަށް ހުރިހާ ކުޅުންތެރިން ވެސް ތައްޔާރުވެގެން މިތިބީ. އަހަރުމެންގެ އެންމެ ބޮޑު ވާދަވެރިއަކަށް ވާންވީ ވެސް އަހަރުމެން. އެއީ އަހަރުމެން ރަނގަޅަށް ތައްޔާރުވުން މުހިންމުވާތީވެ،" ކާންޓޭ ބުންޏެވެ.

ފްރާންސަކީ އެންމެ ފަހުގެ ދެ ވޯލްޑް ކަޕުގައި ވެސް ފައިނަލް ކުޅުނު ގައުމެވެ. ޖެހިޖެހިގެން ތިން ފަހަރު ފައިނަލް އެންމެ ފަހުން ކުޅުނީ ބްރެޒިލެވެ. މި ރެކޯޑާ ހަމަހަމަ ކުރުމަކީ ފްރާންސްގެ އަމާޒެކެވެ.