ކުޅިވަރު

6 އަހަރަށްފަހު ވޯލްޑް ކަޕުގެ މެޗަކުން ސްކޮޓްލަންޑް މޮޅުވެއްޖެ


  • ސްކޮޓްލަންޑް މިމެޗު ކާމިޔާބު ކޮށްފައިވަނީ ހައިޓީއާ ވާދަކޮށް 1 ލަނޑު 0 ލަނޑުން

  • ގްރޫޕް ސީގައި ހިމެނޭ ކޮންމެ ޓީމެއްވަނީ އެއް މެޗު ކުޅެފައި

  • ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ސްކޮޓްލަންޑް

36 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ މެޗަކުން ސްކޮޓްލަންޑް މޮޅުވެއްޖެއެވެ.

ސްކޮޓްލަންޑް މޮޅުވެފައިވަނީ ވޯލްޑް ކަޕް ގްރޫޕް ސީގައި ހައިޓީ އާއި ބައްދަލުކުރި މެޗުންނެވެ. މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްކޮޓްލަންޑުންނެވެ.

ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ސްކޮޓްލަންޑުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޖޯން މެކްގިންއެވެ. މިމެޗުގައި މީގެއިތުރުންވެސް ސްކޮޓްލަންޑަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށް ހިފޭގޮތެއް ނުވިއެވެ. އަދި މީގެ ސަބަބުން މެޗުގެ ފަހު ކޮޅު އެޓީމު ޕްރެޝަރަށް ވެއްޓިގެންދިޔަތަންވެސް ފެނިގެންދިޔައެވެ.

ސްކޮޓްލަންޑުން އެންމެ ފަހުން ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގައި ރަޔަން ކްރިސްޓީ ދެއްކި މޮޅު ކުޅުމުގެ ސަބަބުން މިމެޗުގައި ފަހަރުގައި މެކްގިންގެ ބަދަލުގައި ކްރިސްޓީ ފެނިދާނެކަމަށް ބެލެވުނެވެ. ނަމަވެސް މެޗުގެ ކުރިން ކޯޗު ސްޓީވް ސްލާކް ބުނީ އޭނާ މިމެޗުގައި ފުރަތަމަ އެގާރައިގާ ކްރިސްޓީގެ ބަދަލުގައި މެކްގިން ހިމަނަށް ނިންމި ނިންމުމަކީ އެންމެ އުދަގޫވި ނިންމުން ކަމަށެވެ. އަދި އޭނާ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަން ސާބިތުކޮށްދޭން މެކްގިން ކައިރީ އެދިފައިވެއެވެ.

މިމެޗާއި އެކު ގްރޫޕް ސީގައި ހިމެނޭ ކޮންމެ ޓީމެއް އެއް މެޗު ކުޅެފައިވާއިރު ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ސްކޮޓްލަންޑެވެ. އަދި ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗު އެއްވަރު ވުމުން މިދެޓީމަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މިގްރޫޕް މިއަންނަ ހުކުރު ދުވަހު ކުޅޭ ދެވަނަ މެޗުގައި ސްކޮޓްލަންޑް ބައްދަލުކުރާނީ މޮރޮކޯ އާއެވެ. އަދި ބްރެޒިލް ބައްދަލުކުރާނީ ހައިޓީ އާއެވެ.