ޚަބަރު

ޔަހޫދީންގެ ހަމަލާތަކެއް ހިޒްބުاللهއިން ހުއްޓުވައިފި


ޔަހޫދީން ލުބުނާނަށް އެއްގަމު މަގުުން ދޭން މަސައްކަތްކުރި ދެ ޙަމަލާއެއް ހުއްޓުވާފައިވާ ކަމަށް ލުބުނާނުގެ ޙިޒްބުاللهއިން ބުނެފިިއެވެ.

ޙިޒްބުاللهއިން ނެރުނު ބަޔާންތަކެއްގައި ބުނީ އެ ޖަމާޢަތުން ވެސް ޔަހޫދީންނަށް އަމާޒުކޮށް 19 ޙަމަލާއެއް ދެކުނު ލުބުނާނުގައި ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޔަހޫދީ ސިފައިންނަށާއި އަސްކަރީ އުޅަނދުތަކަށާއި މަޤާމުތަކަށް އަމާޒުކޮށް ޑްރޯންއާއި ރޮކެޓާއި އާޓިލަރީ ބޭނުންކޮށްގެން ދީފައިވާ ޙަމަލާތައް ހިމެނެއެވެ.

ޙިޒްބުاللهއިން ބުނީ ޔަހޫދީ ސިފައިންގެ ފައުޖެއް ލުބުނާނުގެ މަޢުބަރް ސަރަޙައްދަށް އެއްގަމު މަގުން ވަނުމަށް މަސައްކަތް ކުރަމުން ދިޔަ ކަން ދެނެގަނެފައިވާ ކަމަށެވެ. އެއީ ދެކުނު ލުބުނާނުގެ ކިފްރު ތަބްނީތުގެ ބޭރުގައި އޮންނަ ސަރަޙައްދެކެވެ. ޔަހޫދީން އެ ސަހަރައްދަށް ވަނުމަށް މަސައްކަތްކޮށްފައި ވަނީ ބަޑީގެ ޙަަަމަލާތައްދީ، ދުން ޖަހަމުން ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.

އެ ޙަމަލާތައް ހުއްޓުވުމަށް ކުރި މަސައްކަތުގެ ދަށުން ޙިޒްބުاللهއިން ޔަހޫދީ ފައުޖު ވަކި ސަރަޙައްދަކާ ހަމައަށް ދިޔުމަށް ފުރުޞަތު ދިން ކަމަށާއި، އެހާ ހިސާބުން އެ ސަރަޙައްދުގައި ޙިޒްބުاللهއިން ދުރާލާ ތައްޔާރުކޮށްފައި ހުރި ގޮވާ ތަކެތި ގޮއްވާލައި، ޔަހޫދީ ސިފައިންނަށް ޙަމަލާތައް ދީފައިވާ ކަމަށް ބުނެފައިވެއެވެ. އެ ޙަމަލާތަކުގެ ސަބަބުން ޔަހޫދީ ސިފައިންނަށް ފަހަތަށް ޖެހެން މަޖުބޫރުވި ކަމަށް ވެސް ޙިޒްބުاللهއިން ބުނެފައިވެއެވެ.

އޭގެ އިތުރުން ދެކުނު ލުބުނާނުގެ މަޖްދަލް ޒޫން ސަރަޙައްދަށް ވެސް ޔަހޫދީ ސިފައިން އަރައިގަނެފައިވާ ކަމަށް ޙިޒްބުاللهއިން ވަނީ ބުނެފައެވެ. އެ ސަރަޙައްދުގައި ވެސް ޙިޒްބުاللهގެ މުޖާހިދުން ޔަހޫދީ ސިފައިންނާ ކުރިމަތިލާ ހަނގުރާމަކޮށްފައިވާ ކަމަށާއި، ޙަމަލާތަކުގައި ރޮކެޓު ބޭނުންކޮށް ގިނަ ޢަދަދެއްގެ އަސްކަރީ އުޅަނދު ސުންނާފަތި ކޮށްލާފައިވާ ކަމަށް ބުނެފައިވެއެވެ.

ޔަހޫދީންނަށް އަމާޒުކޮށް ޙިޒްބުاللهއިން ދީފައިވާ އެހެން ޙަމަލާތަކުގެ ތެރޭގައި ލުބުނާނުގެ އަލްނަބަޠިއްޔާގެ ޒައުޠަރު އަލް ޝަރްޤިއްޔާގެ ރަށް ބޭރުގައި ޙަރަކާތްތެރިވަމުން ދިޔަ ޔަހޫދީންގެ ޔާގީ އަސްކަރީީ އުޅަނދަކަށް ދިން ޙަމަލާއެއް ހިމެނެއެވެ. އެ ޙަމަލާ ދީފައި ވަނީ އަބާބީލް ޑްރޯންއެއް ބޭނުންކޮށްގެންނެވެ. އޭގެ އިތުރުން އެ ޤައުމުގެ ޠަލްޢަތުލް ޞަލްޙާއާއި ޠަލްޢަތުލް ހަމާމީސްގައި ޙަރަކާތްތެރިވަމުންދިޔަ ޔަހޫދީ އަސްކަރީ އުޅަނދުތަކަކަށް ޑްރޯން ޙަމަލާތައް ދީފައިވެއެވެ.