ޚަބަރު

ވައިކަރަދޫ ޕޮލިސް ސްޓޭޝަނުގެ މަސައްކަތް ފަށައިފި


  • ކޮމިއުނިޓީ ޕޮލިސިންގގެ މަސައްކަތްތައް އިތުރަށް ވަރުގަދަވާނެ

  • ރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ

ހދ. ވައިކަރަދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފެށުމަށް ހދ.ވައިކަރަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި ވައިކަރަދޫ ކައުންސިލްގެ ރައީސް އާއި މެންބަރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ދިވެހި ފުލުހުންގެ ފުލުހުންގެ ޚިދުމަތުގެ ސީނިއަރ އޮފިސަރުންނާއި، މަސައްކަތުގެ ކޮންޓްރެކްޓަރ ބައިވެރިވެލެއްވިއެވެ.

މި ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ، ވައިކަރަދޫގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އިމާރާތުގެ މަސައްކަތް ނިމުމުން، ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެގެންދާނެކަމަށާއި މީގެ އިތުރުން، ކޮމިއުނިޓީ ޕޮލިސިންގގެ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް ވިދާޅުވުއެވެ.

މި މަޝްރޫއަކީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ. ވައިކަރަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި ފުލުހުން ހަރަކާތްތެރިވާން ފަށާފައިވަނީ 2022 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ.