މި އަހަރުގެ އަޟްޙާ ޢީދު ފާޙަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޤައުމީ ދިފާޢީ ބާރާ ގުޅިގެން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ތައްޔާރުކުރި ސްޓޯލަށް އާންމުންގެ، ޙާއްސަ ގޮތެއްގައި ކުޑަކުދިންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މި ހަވީރަށް ޕީއެސްއެމްއިން ތައްޔާރުކުރި ސްޓޯލް ޙާއްސަކުރީ ފީފާ ވޯލްޑް ކަޕް 2026 އަށެވެ. އެގޮތުުން މުޅި ސްޓޯލްގެ ޑެކަރޭޝަނާއި، ހުރިހާ އުމުރެއްގެ މީހުންނަށް ޙާއްސަކޮށްފައި ހުރި ގޭމްތަކުގެ ބޮޑުބައި ވެސް ޙާއްސަ ކޮށްފައިވަނީ ވޯލްޑް ކަޕަށެވެ.
މި ސްޓޯލަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރިއިރު، ޕީއެސްއެމް އިން ދިވެހިންނާ ހަމައަށް ވޯލްޑް ކަޕް ގެނެސްދޭތީ، ޝުކުރުވެރި ހިތަކާއެކު ގިނަބަޔަކު އެކަން ފާހަގަކުރިއެވެ.
މި ސްޓޯލްގައި ފުޓްސަލް ކާޕެޓެއް އަޅައި، މިނީ ގޯލަކަށް ޕެނަލްޓީ ޖެހުމުގެ ޗެލެންޖެއްގެ އިތުރުން، ރޯޑް ޓު ވޯލްޑް ކަޕްގެ ނަމުގައި ފޮޓޯ ބޫތެއް ވެސް ބަހައްޓާފައިވެއެވެ. އަދި މި ނޫނަސް ކުޑަކުދިންނަށް ޙާއްސަކޮށްފައިވާ ޕަޒްލް ގޭމްތަކާއި ބޮޑެތި މީހުންނަށް ޙާއްސަ އެކި ގޭމްތައް ކުޅެވޭގޮތަށް ވެސް އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ.
އަދި ގޭމްތަކުގައި ކާމިޔާބީ ހޯދާ ފަރާތްތަކަށް ޙާއްސަ އިނާމުތަކެއް ވެސް ދީފައިވެއެވެ.
މި ސްޓޯލް ފީފާ ވޯލްޑް ކަޕަށް ޙާއްސަކުރި މައިގަނޑު ސަބަބަކީ، އަންނަ މަހުގެ 11 އިން ފެށިގެން ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މެކްސިކޯ، ކެނެޑާ އަދި އެމެރިކާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ކަވަރޭޖް ޕީއެސްއެމް އިން ގެނެސްދިނުމެވެ. ޕީއެސްއެމް އިން މިފަހަރުގެ ވޯލްޑް، މުޅިން ހިލޭ ބެލޭނެ އިންތިޒާމު ވަނީ ދިވެހިންނަށް ފަހިކޮށްދީފައެވެ.
ވޯލްޑް ކަޕުގެ ލައިވް މެޗުތަކުގެ އިތުރުން، ކައުންޓްޑައުން ޝޯވ އާއި މެޗު ޝޯވތައް އަދި ހައިލައިޓް ޕްރޮގްރާމްތަކާއި ގުޅުންހުރި ތަފާތު އެކިއެކި ކޮންޓެންޓް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. މިފަހަރުގެ ވޯލްޑް ކަޕް ކަވަރޭޖަކީ މިހާތަނަށް ގެނެސްދޭ އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަރޭޖަށް ހެދުމަށް ޕީއެސްއެމްގެ ޓީމުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވޯލްޑް ކަޕަށް ޙާއްސަ ޕީއެސްއެމްގެ ސްޓޯލް ހިމެނޭ މި ހަވީރު، މި މަހުގެ 29 ވަނަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ހަވީރު އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 04:00 އިން އިރުއޮއްސި 06:00 ގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.