އަންނަ ހަފްތާގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާ އަފްޣާނިސްޠާން ޓީމުގައި ގިނައީ ޔޫރަޕު ފުޓުބޯޅައިގެ ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށާއި، މުބާރާތުގައި އަފްޣާނިސްޠާނަކީ ރާއްޖެއަށް ކުރިމަތިވާނެ ވަރުގަދަ ޗެލެންޖަކަށް ކަމަށް ޤައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ބުނެފިއެވެ.
މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ ޓީމުތަކުގެ ތެރެއިން އަފްޣާނިސްތާން ޓީމާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަކަށް ޖަވާބުދެމުން އުރުބާނީ ވަނީ، އަފްޣާނިސްޠާނަކީ މިހާރު ސާފްގެ ގައުމެއް ނޫންކަން ފާހަގަކޮށްފައެވެ.
އުރުބާނީ ފާހަގަކުރި ގޮތަށް އަފްޣާނިސްތާނުން ވަނީ 2015 ވަނަ އަހަރު ސާފް އިން ވަކިވެ، ސެންޓްރަލް އޭޝިއަން ފުޓްބޯލް އެސޯސިއޭޝަން (ކަފާ) އާއި، އެ އެސޯސިއޭޝަންގެ ފައުންޑިން މެމްބަރެއްގެ ގޮތުގައި ގުޅިފައެވެ. 2005 ވަނަ އަހަރު ސާފްއާ ގުޅުމަށްފަހު އެ ޤައުމުން ވަނީ އެއް ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ 2013 ވަނަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތުގައެވެ.
އަފްޣާން ޓީމާ ގުޅޭގޮތުން ވާހަކަދައްކަމުން އުރުބާނީ ބުނީ، މިހާރު އެއީ ބަދަލުވެފައިވާ، ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމުގައި ގިނައީ ޔޫރަޕުގެ އެކި ލީގުތަކުގައި ކުޅޭ ކުޅުންތެރިން ކަމަށެވެ. އެފަދަ ޓީމަކާ ދެކޮޅަށް ދިވެހި ކުޅުންތެރިންގެ ކުޅުން ބަލާލަން ވަރަށް ބޭނުންވާކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަންނަށް އެނގިފައިވާ ގޮތުގައި މި މުބާރާތަށް އަފްޣާނުން އެކުލަވާލި ސްކޮޑުގައި އެންމެ ދެ ކުޅުންތެރިން ހިމެނެނީ ލޯކަލް ލީގުތަކުގައި ކުޅޭ. އެހެން ހުރިހާ ކުޅުންތެރިން އެ ކުޅެނީ ޔޫރަޕުގެ އެކި ގައުމުތަކުގެ ލީގުގައި. އިނގިރޭސިވިލާތާއި ޖަރުމަނާއި ސްވިޑަންއާއި ނޯވޭއާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ އެކި ޑިވިޝަންތަކުގައި. އެހެންވީމަ އެމީހުންގެ ސްކޮޑަކީ "އިންޓަނޭޝަނަލް ސްކޮޑެކޭ ވެސް ބުނެވޭނެ، ތަފާތު މައިންޑްސެޓެއްގެ. ވަރަށް ބޭނުން ބަލާލަން އަހަރުމެންނަށް އެ މީހުންނާ ދެކޮޅަށް ޕާފޯމް ކުރެވޭ މިންވަރު" ކޯޗު އުރުބާނީ ބުންޏެވެ.
އަފްޣާން ޓީމުގެ ވަރުގަދަ ކަމުގެ ވާހަކަ ކޯޗު އުރުބާނީ ހިއްސާކުރިއިރު، އަންނަ ހޯމަ ދުވަހު ފަށާ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ނުކުންނަން ޖެހެނީ ވެސް އަފްޣާނިސްތާނާ ދެކޮޅަށެވެ. އެއީ މުބާރާތުގެ ދެވަނަ މެޗެވެ. އެ މެޗު ކުޅޭނީ ހޯމަ ދުވަހުގެރޭ 21:00 ގައެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. އަދި މުބާރާތުގެ މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރުގެ ހައިސިއްޔަތުން، މި މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ޕީއެސްއެމް އިން ވަގުތުން ގެނެސްދޭނެއެވެ.