ޚަބަރު

އިރާނުގެ ޓީމު މެކްސިކޯއަށް ބަދަލުވީ އެމެރިކާއިން ހުއްދަ ނުދިނުމުން!


ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމު މެކްސިކޯގައި ބޭސް ކުރަން ނިންމީ އެމެރިކާއިން އިރާނުގެ ޓީމު އެ ގައުމުގައި ބޭސް ކުރަން ހުއްދަ ނުދިނުމުން ކަމަށް މެކްސިކޯގެ ރައީސް ކްލައުޑިއާ ޝާންބައުން ވިދާޅުވެއްޖެ އެވެ.

ޝޭންބައުން ވިދާޅުވެފައިވަނީ އިރާނުގެ ޓީމު މެކްސިކޯގައި ބޭސް ވުމަށް އެދިފައިވަނީ ފީފާ އިން ކަމަށާއި އަދި އެކަން ނުކޮށްދޭންވީ ސަބަބެއް ނެތް ކަމަށެވެ.

"އިރާނުގެ ޓީމު މެކްސިކޯގައި ބޭސްވުމަށް ފީފާ އިން މެކްސިކޯގެ ސަރުކާރުގައި އެދިފައިވަނީ އެމެރިކާއިން އެ ގައުމުގައި އިރާނުގެ ޓީމު ތިބުމަށް އެއްބަސްނުވުމުން. އަދި އެކަމަށް ދެކޮޅު ހަދަންޖެހޭ ސަބަބެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެން." ޝޭންބައުން ވިދާޅުވި އެވެ.

"އެމެރިކާއިން ބޭނުމެއް ނުވޭ އިރާނުގެ ޓީމު އެ ގައުމުގައި އެއްކޮށް ތިބުމަށް ނަމަވެސް މެޗު ކުޅެން އެމެރިކާއަށް ދިއުމާއިމެދު މައްސަލައެއް ނެތް. އެހެންކަމުން ފީފާއިން އެކަމަށް އެދުމުން ސަރުކާރުން ވާނީ މެކްސިކޯގައި އިރާނުގެ ޓީމު ތިބުމާއިމެދު މައްސަލައެއް ނެތްކަމަށް ބުނެފަ." ޝޭންބައުން އިތުރަށް ވިދާޅުވި އެވެ.

އިރާނުގެ ޓީމު މެކްސިކޯގައި ބޭސް ވާނެކަން ފީފާއިންވެސް ކަށަވަރުކޮށްދީފައިވާއިރު އެ ޓީމު ތިބޭނީ އެމެރިކާ އާއި މެކްސިކޯގެ ބޯޑަރ ސިޓީއެއް ކަމުގައިވާ ތިހުއާނާގަ އެވެ.

އެމެރިކާގެ އެރިޒޯނާގައި އިރާނުގެ ޓީމު ބޭސްވާ ގޮތަށް ކުރިން އޮތް ނަމަވެސް އެކަން އެގޮތަށް ނުވި ސަބަބެއް ރަސްމީކޮށް ފީފާ އަދި އެމެރިކާއިންވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގައި އިރާން ކުޅޭ ތިން މެޗުވެސް ކުޅޭނީ އެމެރިކާގަ އެވެ.

ތުރުކީގައި މިވަގުތު ކޭމްޕްކޮށްފައިވާ އިރާނުގެ ޓީމު ވަނީ އެގައުމުގައި ހުންން އެމެރިކާގެ އެމްބަސީއަށް ގޮސް ކުޅުންތެރިންގެ ވިސާގެ ކަންތައްތައް ފުރިހަމަކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ކުޅުންތެރިއަކަށް އަދި ވިސާ ދީފައެއް ނުވެއެވެ.