ޚަބަރު

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށް ފެނާންޑޭޒް


އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ހޯދައިފި އެވެ.

ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަނުން ހޮވި މި މަގާމަށް ފެނާންޑޭޒް ހޮވިފައިވާއިރު އޭނާ ވަނީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި ލަނޑު ޖަހަން 20 ފުރުސަތު ތަނަވަސްކޮށްދީ ލީގުގެ ރެކޯޑެއް ހަދާފަ އެވެ. މީގެ އިތުރުން އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 37 މެޗުގައި ޖުމްލަ 8 ލަނޑު ޖަހާފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ނުލިބި ދެ ސީޒަން ދިއުމަށްފަހު ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް އެ ޓީމަށް ހޯދައިދިނުމުގައި ފެނާންޑޭޒް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ބްރޫނޯ ފެނާންޑޭޒް އަށް މި މަގާމް ލިބިފައިވާއިރު މިއީ 2011 ވަނަ އަހަރަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިއަކަށް މި މަގާމް ލިބުނު ފުރަތަމަ ފަހަރެވެ. އެ ފަހަރު މި ޝަރަފު ލިބުނު ޔުނައިޓެޑްގެ ކުޅުންތެރިއަކީ ނެމަންޖާ ވިޑިޗް އެވެ.

މި މަގާމަށް ކުޅުންތެރިއަކު ހޮވަނީ އާންމުން ދޭ ވޯޓް ބެލުމަށްފަހު އެކަމަށް ކަނޑައަޅާފައިވާ ޖަޖުންގެ ޕެނަލަކުންނެވެ.

ޕްރިމިއާ ލީގުގެ ފަހު މެޗުގައި މިއަދު މެންޗެސްޓަރ ޔުނައިޓެޑް ނިކުންނާނީ ބްރައިޓަން އާއި ދެކޮޅަށް ރަށުން ބޭރުގަ އެވެ.