ޚަބަރު

އިރާނުގެ ބޭސް އެރިޒޯނާ އިން މެކްސިކޯ އަށް ބަދަލުކޮށްފި


އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި އަންނަ މަހު ފަށާ ވޯލްޑްކަޕްގައި ވާދަކުރާ އިރާނުގެ ފުޓްބޯޅަ ޓީމު އެރިޒޯނާގައި ތިބޭ ގޮތަށް ކުރިން އޮތް ނަމަވެސް އެނިންމުން ބަދަލުކޮށް މެކްސިކޯގައި ބޭސް ކުރާ ގޮތަށް ބަދަލުކޮށްފި އެވެ.

އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އިއްޔެ ބުނެފައިވާ ގޮތުގައި އެމެރިކާގައި ބޭސް ކުރުމުގެ ބަދަލުގައި އެހެން ގައުމެއްގައި ބޭސް ކުރުމަށް އިރާނުން އެދުނު ގޮތަށް ފީފާއިން ވަނީ އެއްބަސްވެ އެމެރިކާ އާއި މެކްސިކޯގެ ބޯޑަރ ސަރަހައްދެއް ކަމުގައިވާ ތިހުއާނާގައި ބޭސް ކުރުމަށް ނިންމާފަ އެވެ.

އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހްދީ ތާޖް ވިދާޅުވެފައިވަނީ މިކަމުގެ ސަބަބުން އެމެރިކާގެ ވިސާގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"އިރާނުގެ ޓީމު ބޭސް ވަނީ މެކްސިކޯގެ ތިހުއާނާ ސިޓީގައި, އަދި މި ބަދަލާއެކު އެމެރިކާގެ ވިސާގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ." މެހްދީ ތާޖް ވިދާޅުވި އެވެ.

މި ކަމާއި ގުޅޭ ގޮތުން ފީފާ އިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައިނުވާއިރު, ދާދި ފަހުން ފީފާގެ ސެކްރެޓަރީ ޖެނެރަލް އާއި އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސްވެރިން ވަނީ ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

ގްރޫޕް ޖީ ގައި އިރާން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ލޮސް އެންޖެލެސްގައި ނިއު ޒިލޭންޑް އާއި ދެކޮޅަށް ކުޅުމަށްފަހު 21 ވަނަ ދުވަހު ނިކުންނާނީ ބެލްޖިއަމް އާއި ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި މިސްރާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ޖޫން 26 ގައި ސިއޭޓަލް ގަ އެވެ.