ޚަބަރު

މިއަދު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް


  • ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވޭ

  • ދެކުނަށް ކެރީގެ އަސަރު ކުރާނެ

ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

އެ އިދާރާއިން ވިދާޅުވީ، މިއަދު ދެކުނުގެ ރަށްތަކަށް މޫސުން ރަނގަޅު ނަމަވެސް ކުޑަކޮށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިޔަކު 8 މޭލާއި، 18 މޭލާއި ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓުގައި ކަމަށް މެޓް އޮފީހުން މައުލޫމާތުދެއްވައެވެ. އެހެންނަމަވެސް އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓުގައި ކަމަށްވެސް މައުލޫމާތުދެއްވައެވެ.

އެއިދާރާއިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ، އދ.މާމިގިއްޔަށެވެ. މާމިގިއްޔަށް 29.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑް ކުރެވިފައިވެއެވެ.

މި ދުވަސްވަރު ރާއްޖެއަށް ވައިގަދަވެ ވިއްސާރަ ކުރާނެތީ ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.