ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި 50 މިލިޔަން ރުފިޔާ


  • 8.7 އިންސައްތަ އިތުރު ޢަދަދެއް

  • މިދިޔަ އަހަރު ލިބުނީ 46.6 މިލިޔަން ރުފިޔާ

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 8.7 އިންސައްތަ އިތުރު އަދަދެކެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 50.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 46.6 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 8.7 އިންސައްތައިގެ އިތުރުވުމެކެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވަނީ ފެބުރުވަރީ މަހުގެ ތެރޭގައެވެ. އެއީ 11.8 މިލިޔަން ރުފިޔާއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު:

ޖަނަވަރީ : 6.05 މިލިޔަން ރުފިޔާ
ފެބުރުވަރީ : 11.8 މިލިޔަން ރުފިޔާ
މާރިޗު : 27.4 މިލިޔަން ރުފިޔާ
އެޕްރީލް : 5.4 މިލިޔަން ރުފިޔާ

މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެގޮތުން މިދިޔަ އެޕްރީލް މަހުގެ 21ވަނަ ދުވަހު މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ ރިހީގެ ގުރާމަކަށް 36.70 ރޭޓުން 595 ގުރާމަށްވާ 21،836.50 ކަމުގައި ކަނޑައަޅާފައެވެ.

ބާޒާރުގައި ރަނާއި، ރިހި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި، ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.