މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ. ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓުގައި 238 މީހުން ސަޢޫދިއާ އެއާލައިންގައި ވަނީ ފުރާފައެވެ.
ދިވެހިރާއްޖެއަށް މިއަހަރުވެސް ރަސްމީ ކޯޓާގައި 1000 ކޯޓާ ވަނީ ލިބިފައެވެ. ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ގެންދިޔުމަށް 4 ފްލައިޓެއް ބާއްވާނެއެވެ. އެއީ، ސަޢޫދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ. ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާފައިވާއިރު، މިމަހުގެ 17 ވަނަ ދުވަހާއި 18 އަދި 19 ވަނަ ދުވަހުވެސް ޙައްޖުވެރިން ފުރާނެއެވެ.
މިމަހުގެ 17 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 257 ޙައްޖުވެރިން ފުރާނެއެވެ. އަދި 18 ވަނަ ދުވަހު އޮންނަ ސަޢޫދިއާ އެއާލައިންގައި 267 ޙައްޖުވެރިން ފުރާއިރު، މިމަހުގެ 19 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 256 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ޙައްޖައްދާ ފުރަތަމަ ގްރޫޕް މިއަދު ފުރާފައިވާއިރު ޙައްޖުވެރިން ފުރުމުގެ ކުރިން އެއާޕޯޓުގެ ތައްޔާރީތައް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައްލަވައިލައްވާފައެވެ. ވަޒީރު ވިދާޅުވީ، ހައްޖުގެ އެންމެހައި އިންތިޒާމްތަކެއް ފުރިހަމަ ކުރެވިފައިވާ ކަމަށާއި މައްކާގައިވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ހޮޓަލުގައި ފުރިހަމަ އިންތިޒާމްތަކެއް ޤާއިމު ކުރެވިފައިވާ ކަމަށެވެ. ވަޒީރާއެކު ސައުދީ ސަފީރާއި މައްކާ ރޫޓު އިނިޝިއޭޓިވްގެ ޓީމުތަކުންވެސް އެއާޕޯޓުގައި ވަނީ ހަރަކާތްތެރިވެފައެވެ.
ހައްޖުވެރިން ފުރުމުގެ ކުރިން އެއާޕޯޓްގެ ތައްޔާރީތައް ބަލައިލުން. ﷲ ގެ މަތިވެރި ރަޙުމަތުން އެންމެހައި އިންތިޒާމްތަކެއް ވަނީ ފުރިހަމަ ކުރެވިފަ. މައްކާގައި ވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ހޮޓަލްގައި ވަނީ ފުރިހަމަ އިންތިޒާމް ޤާއިމު ކުރެވިފަ. ހައްޖު މިޝަނުން ވެސް ދަނީ… pic.twitter.com/u1WNhJ2ORP
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 15, 2026
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހައްޖުވެރިން ފުރަން އޮންނަ ދުވަހުގެ ކުރިން އެމީހުންގެ ފޮށިތައް ނަގާ ދުރާލާ ޗެކިން ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ވަނީ ކޮށްފައެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް ޚާއްސަ ކޮށްގެން ބަސް ދަތުރުތައް ބާއްވާކަންވެސް ފާހަގަކޮށްލެވެއެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި، ފްލައިޓު ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން، ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ކަނޑައެޅިފައިވާ ބަސް ރޫޓުތަކުގެ ދަތުރުތައް ބާއްވައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް މައްކާ ރޫޓުގެ ޚިދުމަތް ލިބެއެވެ. މިއާއެކު ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ގިނަ ވަގުތު ހޭދަނުކޮށް ހޮޓަލަށް ދިޔުމުގެ ދަތުރު ފެށޭނެއެވެ.
ޙައްޖުގެ އަޅުކަމުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހެނީ، މިނާގައި ތިބޭ ދުވަސްތަކުގައެވެ. އެހެންކަމުން މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ، ދިވެހި ޙައްޖުވެރިން މިނާގައި ތިބޭ ސަރަޙައްދު ބަދަލުކޮށް ކެޓަގަރީވެސް މަތިކޮށްފައެވެ. މީގެ އިތުރުން މިފަހަރު ވަނީ، ދިވެހިންނަށް ޚާއްސަ ފާޚަނާތައްވެސް އިތުރުކޮށްފައެވެ. މުޅިން އައު ފާޚާނާ އިމާރާތެއް ހަދާ، މިއަހަރު އެ އަދަދު ފަސްދޮޅަހަށްވުރެ އިތުރު ކޮށްފައިވެއެވެ. ފަސޭހައިން ބޭނުންކުރެވޭ ގޮތަށް، އަންހެނުންނާއި ފިރިހެނުންގެ ފާޚާނާ ބަރި ހުންނާނީ ވަކިންނެވެ.
ކެއިންބުއިމުގެ ޚިދުމަތުގެ އިންތިޒާމްތަކުގެ ތެރެއިން، މިއަހަރު މިނާގައި ކެއްކުމުގެ އިންތިޒާމް ކުރިއަށްވުރެ ރަނގަޅަށް ހަމަޖެއްސުމަށް ބަދިގެ ބޮޑުކޮށް، އިތުރު ފެސިލިޓީތައްވެސް ވަނީ އިތުރުކޮށްފައެވެ. ދިވެހިން މިނާގައި ތިބޭ ސަރަޙައްދަކީ، މައި އެއް ބޮޑު މަގަށް ހަދާފައިވާ ޓެންޓު ސަރަޙައްދެކެވެ. އެއާއިއެކު ދަތުރުފަތުރަށްވެސް އޭގެ ފަސޭހަ ލިބިގެންދާނެއެވެ. މިއީ، ޖަމުރާއަށް ހިލައުކުމަށް ދިއުމަށްވެސް ފަސޭހަ ސަރަޙައްދެކެވެ.
މިނާއެކޭ އެއްގޮތަށް އަރަފާތު ބިމުގައި ތިބޭ ވަގުތުތަކުގައިވެސް ދިވެހިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. މީގެ ކުރީ އަހަރުތަކުގައި ދިވެހިން އެދެމުން ދިޔަ ގޮތަށް އަރަފާތުގައި ތިބޭ ޓެންޓް ސަރަޙައްދުގެ ވަށައިގެން ފެންސް ޖަހާ، ހަމައެކަނި ދިވެހިންނަށް ވަދެވޭ ގޮތަށް ޓެންޓު ސަރަޙައްދު ވަނީ ހަމަޖައްސާފައެވެ.
ހައްޖުގެ މަޝާއިރުތަކުގައި ދިވެހިންނަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތަކުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގައި ދިވެހިން ހޭދަ ކުރާ ދުވަސްތަކުގައި ހޮޓަލުގައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ. މިގޮތުން ކެއިން ބުއިމުގެ ޚިދުމަތާއި، ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ.