އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ފްރާންސްގެ ސްކޮޑުގައި ހިމެނޭ 26 ކުޅުންތެރިން ކޯޗު ޑިޑިއޭ ޑިޝޯމްޕް އިއުލާން ކޮށްފި އެވެ.
ނަން މަޝްހޫރު ވަރުގަދަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ 26 ކުޅުންތެރިންގެ ސްކޮޑު ޑިޝޯމްޕް އިއުލާން ކުރިއިރު އެ ޓީމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި ޕީއެސްޖީގެ ފޯވަޑް އުސްމާން ޑެމްބެލޭ އެވެ.
މި ސީޒަނުގައި ފަހަކަށް އައިސް ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވި ނަމަވެސް އެމްބާޕޭ ވަނީ އަލުން އަނބުރާ ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފަ އެވެ.
ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 56 ލަނޑު ޖަހައިދީފައިވާ އެމްބާޕޭއަށް ވުރެ ގިނަ ލަނޑު މީގެ ކުރިން ގައުމީ ޓީމަށް ޖަހައިދީފައިވަނީ އޮލީވިއާ ޖިރޫ އެވެ. އަދި އުސްމާން ޑެމްބެލޭ ވަނީ މިހާތަނަށް 35 ލަނޑު ޖަހާފަ އެވެ.
ފްރާންސްގެ އެޓޭކްގައި ދެން ހިމެނޭނެ މުހިންމު ކުޅުންތެރިންނަކީ ބަޔާން މިއުނިކްގެ މައިކެލް އޮލީސޭ އާއި ޕިއެސްޖީ ޑިޒިރޭ ޑުއޭގެ އިތުރުން މެންޗެސްޓަރ ސިޓީގެ ރަޔާން ޗާރކީ އާއި އާސެނަލްގެ ޑިފެންޑަރ ވިލިއަމްގެ ސަލީބާ ހިމެނެއެވެ.
2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސް އިން ހޯދިއިރު ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރުގެ ސްކޮޑުން ޑިޝޯމްޕް ފުރުސަތު ދީފައިވަނީ އެމްބާޕޭ އާއި ޑެމްބެލޭގެ އިތުރުން ލޫކަސް ހެނާންޑޭޒް އަދި އެންގޯލޯ ކާންޓޭ އަށެވެ.
2022 ވަނަ އަހަރުގެ ސްކޮޑުގައި ހިމުނު ނަމަވެސް މި ފަހަރު ޓީމުން ފުރުސަތު ގެއްލުނު މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ އެޑުއާޑޯ ކަމަވިންގާ އާއި ޓޮޓްނަމްގެ ރަންޑަލް ކޯލޯ މުއާނީ ހިމެނެއެވެ.