ޚަބަރު

އެންޗެލޮއްޓީ ބްރެޒިލްގެ އެއްބަސްވުން 2030 ގެ ނިޔަލަށް އިތުރުކޮށްފި


ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ކާލޯ އެންޗެލޮއްޓީ އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2030 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އުމުރުން 66 އަހަރުގެ އެންޗެލޮއްޓީ ބްރެޒިލްގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ 2025 ވަނަ އަހަރުގެ މެއި މަހު ވޯލްޑްކަޕްގެ ކޮލިފައިންގެ މެދުތެރޭގައި ރެއާލް މެޑްރިޑްގެ ކޯޗަކަށް ހުރުމަށްފަހު އެ މަގާމުން އިސްތިއުފާ ދިނުމަށްފަހުގަ އެވެ.

ބްރެޒިލްގެ ކޯޗު ކަމާއި ހަވާލުވިތާ އަހަރެން ވީއިރު އޭނާ ވަނީ 2030 ގެ ނިޔަލަށް ބްރެޒިލްއަށް ކޯޗު ކޮށްދިނުމަށް އެއްބަސްވެފަ އެވެ.

އައު އެގްރިމެންޓްގައި ސޮއި ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންޗެލޮއްޓީ ބުނެފައިވަނީ ފުޓްބޯޅަ އަކީ ބްރެޒިލް އަށް ކިހާ މުހިންމު ކުޅުވިރެއްކަން އޭނާއަށް ފުރަތަމަ ދުވަހުވެސް އިހުސާސް ކުރެވުނު ކަމަށެވެ.

"ފުޓްބޯޅައަކީ މި ގައުމަށް ކިހާ މުހިންމު ކުޅިވަރެއްކަން ފުރަތަމަ ދުވަހުވެސް އެނގުނު. އެހެންކަމުން އަހަރެން ބޭނުންވަނީ މި ގައުމާއިއެކު އިތުރު ކާމިޔާބީތަކެއް ހޯދަން. އިތުރު ހަތަރު އަހަރު މި ޓީމުގައި މަސައްކަތް ކުރަން ލިބުމަކީ ލިބިގެންދިޔަ ބޮޑު އުފަލެއް." އެންޗެލޮއްޓީ ބުންޏެވެ.

އެންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ބްރެޒިލް އިން މިހާތަނަށް 10 މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން 5 މެޗުން ބްރެޒިލް ވަނީ މޮޅުވެފަ އެވެ. އަދި 2 މެޗު އެއްވަރުވެފައިވާއިރު ބަލިވެފައިވަނީ 3 މެޗުންނެވެ.

ހަވަނަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކުރުމަށް ބްރެޒިލް އިން މަސައްކަތް ކުރަމުންދާއިރު މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ބްރެޒިލްގެ ސްކޮޑުން މި މަހުގެ 18 ވަނަ ދުވަހު އެންޗެލޮއްޓީ އިއުލާން ކުރާނެ އެވެ.

ވޯލްޑްކަޕްގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ޖުން މަހުގެ 13 ވަނަ ދުވަހު މޮރޮކޯ އާއި ދެކޮޅަށެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ހެއިޓީ އާއި ސްކޮޓްލޭންޑް އެވެ.