ރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މި ސަރުކާރުން އިސްކުރަނީ ގައުމުކަމަށާއި ގައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ކޮންމެ ކަމަކީ މި ސަރުކާރުގެ ސިޔާސަތުކަމަށެވެ. އެއްވެސް ވަރަކަށް ގައުމު ނޫން ވިސްނުމެއް މި ސަރުކާރުގެ ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ޕޮލިސީތަކަކަށް އަދި މި ސަރުކާރުން ކުރާ މަސައްކަތްތަކަކަށް އިދިކޮޅު ފަރާތްތަކުން ދޭނެ ޖަވާބެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެމުންދާގޮތާއި ބެހޭގޮތުން އަދި ނަތީޖާ ނެރެދެމުންދާ ގޮތާއި ބެހޭގޮތުން މިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެކަމަށް ބުނެވޭނެ އެއްވެސް އެއްޗެއް އިދިކޮޅު ފަރާތްތަކަށް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ޑިމޮކްރަސީގެ ވާހަކަދައްކާއިރުގައި މިވަގުތު މަދުވާ ކަމަކީ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަށްވުރެ ރަނގަޅުވާނީ މިގޮތޭ ކިޔާފައި އޮފަރކުރަނެ އެއްވެސް އެއްޗެއް ނެތް. އެ ފަރާތްތަކުގެ ތެރޭގައި މުޅިންވެސް އޮތީ އަމިއްލަ އެދުން. އެކަކު އަނެކަކަށް އިހްލާސްތެރިކަމެއް ނެތް. ރަހުމަތްތެރިކަމެއް ނެތް. ގައުމު އިސްކުރުމެއް އަދި އަމުދުން ނެތް. އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަށް ޒިންމާދާރު އޮޕަޒިޝަންއަކުން ކަންކަން ކުރަންޖެހޭ ގޮތައް ކުރުމުގެ ވައްޓަފާޅިއެއްވެސް ނެތް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އޮތީ އަމިއްލަ އެދުންކަމަށެވެ. އެގޮތުން ރައީސް ވަނީ ކޯވިޑް19 ގެ ވަބާގައި އިދިކޮޅު ފަރާތްތަކުން ހިންގި ވެންޓިލޭޓަރުގެ ވައްކަން ފާހަގަކުރައްވާފައެވެ. މިއީ ރައްޔިތުންގެ ފައިސާއިން ވީ ބޮޑު ހިޔާނާތެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ވެންޓިލޭޓަރު ވައްކަމުގެ މައްސަލަ ކަމާބެހޭ މުވައްސަސާތަކުން ބަލައި އެކަމުގައި ހިމެނޭ ފަރާތްތަކަށް އަދަބުދޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވަނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލަވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ވެފައިވާ މިފަދަ ހިޔާނާތްތައް ބަލައި އެ ފަރާތްތަކަށް އަދަބު ލިބެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މިނިވަން މުވައްސަސާތަކުން އެމްއެމްޕީއާރުސީގެ ވައްކަމާއި އެހެން ވައްކަންތައް ބަލައި ދިވެހި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. މިކަމުގައި މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.