އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ސީޝެލްސްއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯރއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިއީ ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ސީޝެލްސްގެ ޚާރިޖީ ވަޒީރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި އިންޑިއާ ކަނޑުގެ އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން، ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވައިލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އދ، ކޮމަންވެލްތު، އެއޯސިސް، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް) ފަދަ ސަރަޙައްދީ އަދި މަލްޓިލޭޓަރަލް ފޯރަމްތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަޒީރުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ މިއީ ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކުރައްވާ މިއީ އެ ޤައުމުގެ އައު ސަރުކާރު އުފެދުނުފަހުން ދެޤައުމުގެ ދެމެދުގައި ބާއްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުންވެސް ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި، ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި، ސެކްރެޓަރީ އަހުމަދު ޝިޔާންއާއި، އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއިން ސީޝެލްސްއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ 1 ޖުލައި 1980 ގައެވެ. ދެ ޤައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ފުރޭނެއެވެ.