ޚަބަރު

ހައްޤުތަކަށް އުނިކަން ނުލިބޭގޮތަށް އެއްވުންތައް ބޭއްވުމަށް އިލްތިމާސްކޮށްފި


  • ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ

  • އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމަށް ވިދާޅުވި

އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުން އެހެން މީހުންގެ ހައްޤުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާއި، "ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" އާއި އެ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން ލިބިދީފައިވާ ހައްޤުތައް އެއްވެސް ތަފާތުކުރުމެއްނެތި، ގާނޫނީ އިމުގެ ތެރެއިން ހިމާޔަތްކޮށްދިނުމުގައި ދިވެހި ފުލުހުންގެ ޚިދުމަތް ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ފުލުހުން ވިދާޅުވީ މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކާ ގުޅިގެން މަގުތައް ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން، ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބެމުންދާކަމަށެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުން އާންމު ރައްކާތެރިކަމާއި، ދަތުރުފަތުރުގެ ނިޒާމަށާއި، އެހެން ފަރުދުންގެ ހައްގުތަކަށް އިހުތިރާމުކުރަންޖެހޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުގެ ބޭނުންހިފުމުގައި، އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރާކަމަށް ވިދާޅުވިއެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފުލުހުން ލިޔުމުން ދޭ ހުއްދައެއް ނެތި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި އެކަނިކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްޤުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުޞަތު ނުދެވޭނެކަމަށެވެ. އަދި ގާނޫނާ ޚިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށާއި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން، އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން އަޅަމުންދާނެކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވީހިނދު، އެފަދަ އެއްވުންތައް ކުރިއަށްގެންދަންވާނީ، ރައްޔިތުންގެ ސަލާމަތާއި، އަދި އެހެނިހެން ފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަމަށް އިހުތިރާމުކުރެވޭ ފަދަ ސުލްހަވެރި މާހައުލެއްގައިކަމަށް ފުލުހުން ވިދާޅުވިއެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ދިވެހި ފުލުހުންގެ ޚިދުމަތުން ފޯރުކޮށްދޭނެކަމަށާއި އެގޮތުން، އެފަދަ އެއްވުންތަކާއި ހިނގާލުންތައް ކުރިއަށްދާ ސަރަހައްދުތަކުގެ މަގުތައް ބެލެހެއްޓުމާއި، ބޭނުންވާ އެންމެހައި ސަލާމަތީ އިންތިޒާމުތައް ހަމަޖައްސައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.