ވޮލީ ބޯލް އެސޯސިއޭޝަންގެ އައު އެކްސްކޯއިން ރަސްމީކޮށް އެއިދާރާގެ މަސައްކަތްތަކާ ހަވާލްވެއްޖެއެވެ.
ވޮލީ ބޯލް އެސޯސިއޭޝަންގެ އިންތިޚާބު ބާއްވާ އެ އެސޯސިއޭޝަންގެ މަޤާމުތަކަށް މީހުން އިންތިޚާބްކޮށްފައިވަނީ މިމަހުގެ 1 ވަނަދުވަހުއެވެ. އަލަށް އެކުލަވާލި އެކްސްކޯއާއި އެސޯސިއޭޝަންގެ މަސައްކަތްތައް ހަވާލުކޮށްދެއްވީ ވޮލީ ބޯލް އެސޯސިއޭޝަންގެ ކުރީގެ ނާއިބް ރައީސް އިލްޔާސް އިބްރާހީމްއެވެ. އެކްސްކޯގެ ފަރާތުން އެސޯސިއޭޝަނާއި ހަވާލުވެލެއްވީ އަލަށް އިންތިޙާބް ވެވަޑައިގެންނެވި ނާއިބް ރައީސް އިއްޒަތު ވަހީދުއާ އެއިދާރާގެ ހަޒާންދާރު މުޙައްމަދު ރަނޭޝްއެވެ.
އެއިދާރާގެ މަސައްކަތްތައް ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން އަލަށް އިންތިޙާބް ވެވަޑައިގެންނެވި އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ ކުރީގެ އެކްސްކޯ މެންބަރުން އާ އެކްސްކޯއާއި މަސައްކަތްތައް ހަވާލުކޮށްދެއްވީ ވަރަށް ފުރިހަމަކޮށްކަމަށެވެ. އަދި އެސޯސިއޭޝަންގެ ހިންގުން ބަދަލުވުމުގެ ކަންކަން ނިމިގެން ދިޔައީ ވަރަށް ޒިންމާދާރުކޮށް ކަމަށް ދެކެވަޑައިގަންނަވާކަމަށާއި އެކަމާއި ހިތްހަމަޖެހިވަޑާއިގަންނަވާކަމަށް ލަތީފު ވިދާޅުވިއެވެ. އަދި، އެސޯސިއޭޝަންގެ ލިއެކިއުންތަކާ ފައިސާގެ ކަންތަށްތަށްވެސް މިހާރު އާ ހިންގާ ބޯރޑާއި ހަވާލްކޮށް ނިމިފައިވާކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
ވޮލީ ބޯލް އެސޯސިއޭޝަންގެ އައު ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ އެކްސްކޯގެ މަސައްކަތް ރަސްމީކޮށް މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެންމެ ފުރަތަމަ އިސްކަންދޭނީ ކަލަނޑަރަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުންކަން ލަތީފް ފާހަގަކުރެއްވިއެވެ. އަދި ކޯޗާރސް ކޮމިޝަންއާއި ރެފްރީޒް ކޮމިޝަން އަދި ބީޗް ވޮލީ ކޮމިޝަނަށް އައްޔަން ކުރަންޖެހޭ 2 މެންބަރުން އައްޔަން ކުރުމަށް އަންނަ އާދިއްތަ ދުވަހު ކޮންގްރެސްއަށް ގޮވާލާނެކަމަށްވެސް މުޙައްމަދު ލަތީފް ވިދާޅުވިއެވެ.