ދިވެހިރާއްޖެއިން 1447 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާ ޙައްޖުވެރިން ހުކުރު ދުވަހު ފުރަން ފަށާއިރު އެމީހުންނަށް ލިބޭނެ އެންމެ ބޮޑު ލުއިފަސޭހަ ޚިދުމަތަކީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތެވެ. މިދިޔަ އަހަރު މިޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރިއިރު މިއަހަރުގެ ޙައްޖުވެރިންނަށް މި ޚިދުމަތް ލިބޭނެއެވެ. މި ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރު އެކަމާ ގުޅޭ ޚާއްސަ ޓީމެއް ރާއްޖެ އައިސްފައިވާއިރު އެޓީމުން ވަނީ ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސެޓަޕް ހަދާފައެވެ.
ތާރީޚަށް ބަލާއިރު ޙައްޖުގެ އަޅުކަމަށް ސައުދީ ޢަރަބިއްޔާއަށް ދާ ދިވެހިންނަށް ދިމާވާ ދަތިތަކުގެ ތެރޭގައި ލަގެޖް ނުލިބިގެން އެތައް ވަގުތަކު އެއަރޕޯޓުގައި މަޑުކުރަންޖެހެއެވެ. އެއާއެކު ދިގު ދަތުރެއް ކޮށްފައި ދާ މީހާ އިތުރަށް ވަރުބަލިކަން ތަހައްމަލުކުރަންޖެހެއެވެ. ހޮޓަލަށް ދެވުނުނަމަވެސް ބައެއް ފަހަރު ފޮށިތައް އެމީހަކު ހުންނަ ރޫމާއި ހިސާބަށް ދިއުމުގައިވެސް ވަގުތުތައް ހޭދަވެއެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި މިކަމަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ރާއްޖެއަށް ތަޢާރަފްކުރި މައްކާ ރޫޓް އިނިޝިއޭޓިވްއާއެކު މިކަންކަމަށް ވަނީ ލުޔެއް ލިބިގެން ގޮސްފައެވެ. މިއަހަރުވެސް ދިވެހި ޙައްޖުވެރިންނަށް މި ޚިދުމަތް ލިބޭނެއެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްއަކީ 2018 ވަނަ އަހަރުން ފެށިގެން ސަޢުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނިޝިއޭޓިވްއެކެވެ. މީގެދަށުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ދަތުރުކުރާ ޙައްޖުވެރިންނަށް، ސަޢުދީ އަރަބިއްޔާގެ އިމިގްރޭޝަން ކަންކަން އެ ޙައްޖާޖީއަކު ހުރި ޤައުމަކުން ހަމަޖެހި، އެއަރޕޯޓުގައި ގިނަ ވަގުތު ހޭދަ ނުކޮށް ހޮޓަލަށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަވައެވެ. އަދި އެއަރޕޯޓުން ލަގެޖް ނަގަން ނުޖެހި ސީދާ ހޮޓަލުން އެމީހެއްގެ ލަގެޖް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހެއެވެ.
މި ޚިދުމަތާއެކު ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ނިމޭއިރު، ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނިޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިބޭ ހޮޓަލާއި ހަމައަށް ގެންގޮސްދެއެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެ ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންގެ މައްކާ ރޫޓުގެ އިންތިޒާމްތަކުގެ ދަށުން، ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްތައް ދުރާލާ ވަނީ ފަށާފައެވެ. ބަޔޯމެޓްރިކްސްގެ ގޮތުގައި ނަގަނީ، އިނގިލީގެ ނިޝާނާއި މޫނުގެ ފީޗަރސްތަކަށް ނަގާ ފޮޓޯއެވެ.
މައްކާ ރޫޓްގެ ދަށުން ރާއްޖޭގައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ފުރިހަމަކޮށްފައިވާއިރު ފެންވަރު ރަނގަޅު ލޮޖިސްޓިކް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ސަޢުދީ އަރަބިއްޔާގައި ހަރަކާތްތެރިވަމުން އަންނަ އެޑްވާންސް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިވެހި ޙައްޖާޖީންގެ ލަގެޖު ޖިއްދާ އެއަރޕޯޓާއި ހޮޓަލާ ދެމެދު އުފުލުމުގެ އިންތިޒާމުތައް ސަޢުދީ ޕޯސްޓްގެ ދަށުން ހިންގާ ސުބުލް އޮތޯރިޓީން ވަނީ ހަމަޖައްސާފައެވެ. މިއާއެކު ފްލައިޓުން ފައިބައިގެން އެއަރޕޯޓުން ނިކުންނަގޮތަށް ޙާޖީން އަރާނީ ބަހަށެވެ. ލަގެޖުތައް ނެގުމާއި، ހޮޓަލަށް ފޯރުކޮށްދިނުމުގެ އެންމެހާ ކަންކަން ކުރާނީ އެ ކުންފުނިންނެވެ.
ޚިދުމަތްތައް މި ވޭތުވެދިޔަ އަހަރަށްވުރެ ފުރިހަމަކޮށް، އަވަސްކަމާއެކު މިއަހަރު ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެޖެންޓު ދީފައިވެއެވެ. އެ ކުންފުނިން ވަނީ، މި ޚިދުމަތް މިއަހަރު ބޮޑުތަނުން އަވަސްވާނެހެން އެންމެހާ އިންތިޒާމްތައް ހަމަޖައްސާފައިވާކަން ފާހަގަކުރައްވާފައެވެ.