ޢަރަބިއްޔާ ހުރި ބިމާއި ގާކޮށި ބިމުގައި ސަރުކާރުން ޢިމާރާތްކުރައްވާފައިވާ ފްލެޓްތަކަށް ހޮވިފައިވާ މީހުންނަށް، ލިބޭނެ ފްލެޓްތައް ކަނޑައެޅުމަށް މިއަދު ގުރުއަތުލާނެކަމަށް އެޗްޑީސީއިން ހާމަަކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން ވިދާޅުވީ ޤުރުލުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިއަދު މެންދުރު 2 ން ފެށިގެން ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮފީހުގެ ލެކްޗަރ ހޯލްގައި ކުރިއަށް ގެންދާނެކަމަށެވެ. އެގޮތުން މިއަދު މެންދުރު 2 ން ފެށިގެން 4 ޖެހުމާ ހަމައަށް އޮންނާނީ ރެޖިސްޓްރޭޝަނާއި، ޓޯކަން ނަމްބަރު ދޫކުރުމެވެ. އަދި 4 ން އިރުއޮއްސި 6:30 ދެމެދު ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީ އިން ބުނީ މިއަދު ގުރުލުން އޮންނާނީ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 148 މީހުންގެ މެދުގައި ކަމަށާއި އެފަރާތްތަކަށް ގުރުއަތު ނެގުމުގެ މަޢުލޫމާތު އަންގާފައިވާ ކަމަށެވެ. މިއީ ފްލެޓަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން ހައުސިންގ މިނިސްޓްރީން ފޮނުވި ފުރަތަމަ ލިސްޓްގައި ހިމެނޭ ފަރާތްތައް ކަމަށާއި، އިތުރު ފަރާތްތަކުގެ ގުރުލުން އެހެން ތާރީޚެއްގައި ބާއްވާނެ ކަމަށެވެ.
އެޗްޑީސީގެ ޑިރެކްޓަރ ފައިނޭންސް ޢަލީ ޝަރީފް ވިދާޅުވީ މިއަދު ލިބޭނެ ފްލެޓް ކަނޑައެޅޭ ފަރާތްތަކަށް ހަފްތާއެއްހާ ދުވަހުގެތެރޭގައި އޮފަރ ލެޓަރ ދޫކުރާނެ ކަމަށެވެ. އަދި ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ފައިސާދެއްކުމުގައި އެފަރާތްތަކަށް އިޚްތިޔާރުކުރެވޭނެ ގޮތްތަކާބެހޭ މަޢުލޫމާތުދިނުމުގެ ސެޝަންތަކެއް ކުރިއަށް އޮތް 2 ހަފްތާތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޢަލީ ޝަރީފް ވިދާޅުވިއެވެ.
މިފްލެޓްތައް ލިބޭ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ފްލެޓްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ބޭންކްތަކާއި ޕެންޝަން ފަންޑުމެދުވެރިކޮށް ކުރެވުނު މަޝްވަރާތަކުން ދަށުން، ފްލެޓްތަކަށް ދައްކަންޖެހޭނީ މިހާރުގެ މާރކެޓް ވެލިއުއަށްވުރެ ދަށް އަގެއްގައިކަމަށް އެޗްޑީސީ އިން ވަނީ ހާމަކޮށްފައެވެ. އެ އަގުތައް ވަރަށް އަވަހަށް އެކުންފުނިން ޢާއްމުކުރާނެ ކަމުގައި އެފަރާތުން ވަނީ ބުނެފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޢަރަބިއްޔާ ހުރި ބިމުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި ބިމުގައި 198 އެޕާޓްމަންޓް މިމަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވެއެވެ.