ޚަބަރު

މިހާތަނަށް ހެންޓާވައިރަސްގެ 5 ކޭސް


މިހާތަނަށް ރިޕޯޓުކޮށްފައިވަނީ ހެންޓާވައިރަސްގެ އަށް ކޭސް ކަމަށާއި އޭގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވެފައިވަނީ 5 ކޭސް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނީމް ގެބްރެޔޭސުސް ވިދާޅުވެއްޖެއެވެ.

ކަނޑުމަގުން ދަތުރުކުރަމުން ދިޔަ އުޅަނދެއްގައި ހެންޓާވައިރަސް ފެނުމާ ގުޅިގެން ދެއްވި ބަޔާނެއްގައި ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ އެ ޖަމިއްޔާއިން މި ބަލި ފެތުރެމުންދާ މިންވަރު ވަރަށް ގާތުން މޮނިޓަރ ކުރަން ފަށާފައިވަކަމަށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނި ގޮތުގައި މިހާތަނަށް މި ބަލީގެ އަށް ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ތިން މީހަކު ވަނީ މަރުވެފައެވެ. ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ތެރެއިން ފަސް ކޭސްއެއް ލެބޯޓްރީން ކަށަވަރު ކުރެވިފައިވާއިރު، ބާކީ ތިނެއް އެއީ ސަސްޕެކްޓެޑް ކޭސްތަކެވެ

މި ބަލީގެ ނުރައްކާ ބައެއް ފަރާތްތަކަށް ބޮޑުވި ނަމަވެސް، އާންމު ސިއްޙަތަށް އޮތް ނުރައްކާ ކުޑަކަމަށް ޑަބްލިއު.އެޗް.އޯ އިން ވަނީ ކަނޑައަޅާފައެވެ. އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި، ބައިނަލްއަގުވާމީ ސިއްޙީ ޤާވާއިދުތަކުގެ (އައި.އެޗް.އާރް)ގެ ދަށުން އެކި ޤައުމުތަކުގެ ސަރުކާރުތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން، ބަލި ފެތުރުން ހުއްޓުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޑަބްލިއު.އެޗް.އޯގެ އެދުމުގެ މަތިން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އެ އުޅަނދު ސްޕެއިންގެ ސަރަހައްދަށް ކައިރިކުރުމުގެ ހުއްދަ ދެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ. މިހާރު އެ އުޅަނދު ދަތުރުކުރަމުންދަނީ ކެނޭރީ އައިލެންޑްސްއަށެވެ. އެ ސަރަހައްދުގެ ސިއްހީ އިދާރާތަކުން ދަނީ އުޅަނދު ބަނދަރުކުރުމުން އަމަލުކުރާނެ ގޮތްތަކަށް ތައްޔާރުވަމުންނެވެ.

"މި ނުރައްކާ މެނޭޖްކުރުމުގެ ޤާބިލުކަން ސްޕެއިންގައި ހުރިކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް،" ގެބްރެޔޭސުސް ވިދާޅުވިއެވެ. އަދި ކެނޭރީ އައިލެންޑްސްގެ އާންމު ރައްޔިތުންނަށް މީގެ ސަބަބުން އޮތް ނުރައްކާ ވަރަށް ކުޑަކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރުވެސް އެ އުޅަނދުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިންނަށް އެހީތެރިވުމަށް ސިއްހީ މާހިރުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ޑަބްލިއު.އެޗް.އޯ އިން ބުނި ގޮތުގައި މި ޓީމުގައި ކާބޯވާޑޭއިން އުޅަނދަށް އެރި ޑަބްލިއު.އެޗް.އޯގެ މާހިރަކާއި، ނެދަލޭންޑްސްގެ ދެ ޑޮކްޓަރުންގެ އިތުރުން ޔޫރަޕިއަން ސެންޓަރ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލްގެ މާހިރަކު ހިމެނެއެވެ.

މި ޓީމުން ދަނީ އުޅަނދުގައި ތިބި އެންމެންގެ ސިއްޙީ ހާލަތު ބަލައި، އިތުރު މީހަކަށް ބަލިޖެހިފައިވޭތޯ ބަލައި، ބަލިޖެހިފައިވާ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ދެވޭނެކަން ކަށަވަރު ކުރަމުންނެވެ. މީގެ އިތުރުން، ބަލި ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އާޖެންޓީނާއިން ފަސް ޤައުމެއްގެ ލެބޯޓްރީތަކަށް 2،500 ޑައިގްނޯސްޓިކް ކިޓް ފޮނުވުމުގެ މަސައްކަތްވެސް ޑަބްލިއު.އެޗް.އޯ އިން ވަނީ ކޮށްފައެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނީ، އުޅަނދުން މީހުން ބޭލުމާއި އެމީހުން ދަތުރުކުރާނެ އިންތިޒާމުތައް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޚާއްސަ އުސޫލުތަކެއް އެކުލަވައިލަމުންދާ ކަމަށެވެ. އަދި މަޤަސަދަކީ ފަސިންޖަރުންގެ ކަރާމާތާއި ދުޅަހެޔޮކަން ރައްކާތެރިކުރަމުން، ބަލި އިތުރަށް ފެތުރުނަނުދީ ހުއްޓުވުން ކަމަށްވެސް ބުނެފައިވެއެވެ.

ހެންޓާވައިރަހަކީ މައިގަނޑު ގޮތެއްގައި މީދަލާއި އެފަދަ ޖަނަވާރުންގެ ޒަރީއާއިން ފެތުރޭ ވައިރަސްތަކުގެ ގްރޫޕެކެވެ. އިންސާނުންގެ ގަޔަށް މި ވައިރަސް އަރަނީ މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި، ކުޅާއި ނުވަތަ ނަޖިހުގައި އަތްލެވިގެންނެވެ. މީގެ އިތުރުން، ވައި ނުވަންނަ ބަންދު ތަންތަނުގައި ހުންނަ މީދަލުގެ ނަޖިހުގެ ޕާޓިކަލްސް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ދިއުމަކީ ވެސް ބަލިޖެހޭ މައިގަނޑު ސަބަބެކެވެ. ކޮވިޑް-19އާ ޚިލާފަށް، މި ވައިރަހަކީ ގައިން ގަޔަށް ފެތުރުން އާންމު ވައިރަހެއް ނޫނެވެ.