ޚަބަރު

"ދުރާލާ އިންޒާރުދޭ ނިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން"


  • ކުދި ރާޑަރުތަކެއް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • ސ.ގަމުގައި އިތުރު ރާޑަރެއް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މޫސުމީ ބަދަލުތަކުން ދުރާލާ އިންޒާރު ދޭ ނިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ ދުރާލާ އިންޒާރު ދޭ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ރާޑަރު ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރކުރުމުގެ މަރުހަލާގައިކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިހާރު ހަމައެކަނި ހުޅުލޭގައި ރާޑާރެއް ހުރިނަަމަވެސް އިތުރު ރާޑަރުތައް އެކި ސަރަހައްދުތަކުގައި ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"އޭގެ އިތުރުން ކުދި ރޭޑަރ ތަކެއް އެބަލިބޭ، އަދި ހަމަ އެއާއެކު ޤަމުގައި އެބަ މަސައްކަތް ކުރަން ބޮޑު ރޭޑަރެއް ޖަހަންވެސް. އެހެންވީމައި މި އޮބްސަރވޭޝަން ނެޓްވޯކް މީގައި ފުޅާކުރުމަށް މި ދެންވި ކުދި ރޭޑަރތައް ޖެހުމުގެ މަސައްކަތް މިވަގުތު އޮތީ ޓެންޑަރ މަރުހަލާގައި. އޮބްޒަރވޭޝަން ނެޓްވޯރކް ފުޅާކުރުމަކީ މީގައި ވަރަށް މުހިންމުކަމެއް. ދުރާލާ އިންޒާރު ދޭ ސިސްޓަމް އެންހޭންސް ކުރުމުގައި" ވަޒީރު ވިދާޅުވިއެވެ.

ދުރާލާ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މޫސުމާބެހޭ ޒަމާނީ އާލާތްތަކަށް އިންވެސްޓްކޮށްގެން، ރަށްރަށުގެ ރައްޔިތަކަށްވެސް މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ގޮތުން ދުރާލާ އިންޒާރުދޭ ނިޒާމެއްގެ ޚިދުމަތް ލިބޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންއަންނަކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ މޫސުމީ ބަދަލުތަކާ ބެހޭ ސިޔާސަތުތަކާއި ކާރިސާތަކުގެ ގެއްލުން ކުޑަކުރުމުގެ ފްރޭމްވޯކުގެ ތެރެއިން ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމުގެ މައްޗަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުރާލާ އިންޒާރުދޭ ނިޒާމެއް ޤާއިމުކުރުމަށް "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030" ވަނީ އެކުލަވަލާފައެވެ. މި ސްޓްރެޓެޖީގެ މައިގަނޑު މަޤުސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކަށް ލިބޭ މާލީ އެހީތެރިކަން ކަށަވަރުކުރުމަށް އަދުގެ ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެ ގޮތުން ބައިނަލްއަޤުވާމީ އެކިއެކި ބައްދަލުވުންތަކާއި މަހާސިންތާތަކުގައި ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ މާލީ އެހީތެރިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި ވަކާލާތުކުރައްވަމުންނެވެ. މީގެ އިތުރުން ގްރީން ކްލައިމެޓް ފަންޑުން ރާއްޖެއަށް ދޭން ނިންމި 25 މިލިއަން ޑޮލަރުގެ އެހީގައި އދ.ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާއާ ގުޅިގެން މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް އެލާމް ސިސްޓަމްތައް ރާއްޖޭގެ ރަށްތަކުގައި ގާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ.