ޚަބަރު

ފައިނަލުގައި ސިނާ އާއި ޒްވެރޭވް


ސްޕެއިންގެ މެޑްރިޑްގައި މިހާރު ކުރިއަށްދާ މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ޔަނިކް ސިނާ އާއި އެލެކްޒެންޑަރ ޒްވެރޭވް ހޯދައިފި އެވެ.

ދެ ފަހަރު މަތިން މި މުބާރާތް ކާމިޔާބުކޮށްފައިވާ ޖަރުމަނުގެ ޒްވެރޭވް މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ދުނިޔޭގެ ރޭންކިންގެ 69 ވަނައިގައި އޮތް އެލެކްޒެންޑަރ ބްލޮކް އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ 2 ސެޓުން ކާމިޔާބުކޮށްގެންނެވެ.

ބެލްޖިއަމްގެ ބްލޮކް އާއި ދެކޮޅަށް ކުޅުނު މި މެޗުގެ ސެޓުތައް ޒްވެރޭވް ކާމިޔާބުކޮށްފައިވަނީ ހައެއް ދޭއް އަދި ހަތެއް ފަހެއްގެ ނަތީޖާއަކުންނެވެ. މި މެޗު ކާމިޔާބުކުރުމަށް އޭނާ ހޭދަކޮށްފައިވަނީ އެންމެ 96 މިނިޓެވެ.

މި މުބާރާތުގެ ފައިނަލުގައި ޒްވެރޭވް އާއި ދެކޮޅަށް ނިކުންނާނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އިޓަލީގެ ޔަނިކް ސިނާ އެވެ.

ސިނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި ފްރާންސްގެ އާތޫރް ފިލްސް އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ދޭއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޑްރިޑް މާސްޓަރސްގައި މިހާތަނަށް 30 މެޗުން މޮޅުވެފައިވާ ޒްވެރޭވް މިއީ މި މުބާރާތުގެ ފައިނަލުގައި ކުޅޭ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން މި މުބާރާތުގެ ހަތަރު ފައިނަލުގައި ކުޅެފައިވަނީ ރޮޖަރ ފެޑެރަރގެ އިތުރުން ރަފައެލް ނަޑާލް އެވެ.

އާދިއްތަ ދުވަހު ސިނާ އާއި ޒްވެރޭވް ފައިނަލުގައި ކުޅޭ މެޗަކީ މި ދެ ކުޅުންތެރިން ބައްދަލުކުރާ 14 ވަނަ މެޗެވެ. މީގެ ކުރިން މި ދެ ކުޅުންތެރިން ކުޅުނު މެޗުގެ އެންމެ ފަހުން ކުޅުނު 8 މެޗުވެސް ކާމިޔާބުކޮށްފައިވަނީ ސިނާ އެވެ.