ޚަބަރު

ގައުމީ ތަށި ކްލަބް މެޓްރިކްސް އަށް


  • ފުރަތަމަ ޑިވިޝަންގެ ކުއީން އޮފް ދަ ސީރީޒްއަކީ އައިމިނަތު ފިރުޝާ

  • ދެވަނަ ޑިވިޝަނުގެ ކުއީޏް އޮފް ދަ ސީރީޒްއަކީ މަރިޔަމް ލައިޝާ ޝަރީފް

ނެޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 23 ވަނަ ގައުމީ ނެޓުބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް މެޓްރިކްސް، އަދި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ސްޕޯޓްސް ކްލަބް ޝައިނިންގ ސްޓާރ އިން ހޯދައިފިއެވެ.

ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް މެޓްރިކްސްއިން ހޯދާފައި ވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި، ތަފާތުބޮޑު ނަތީޖާއަކުން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ބަލިކޮށްގެންނެވެ. މެޓްރިކްސްއިން މެޗު ކާމިޔާބުކޮށްފައި ވަނީ 34-74 ގެ ނަތީޖާއިންނެވެ.

ފައިނަލް މެޗުގެ ކުއީންގެ އިތުރުން ކުއީން އޮފް ދަ ސީރީޒްއަށްވެސް ހޮވިފައިވަނީ، ކްލަބް މެޓްރިކްސްގެ އައިމިނަތު ފިރުޝާއެވެ. އޭނާ ވަނީ ފައިނަލް މެޗުގައި 18 ޑިފްލެކްޝަން، 8 އިންޓަރސެޕްޝަން އަދި 6 ރީބައުންޑު ކާމިޔާބުކޮށްފައެވެ.

ސްޕޯޓްސް ކްލަބް ޝައިނިންގ ސްޓާރ އިން ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗުގައި އެން ސްޕޯޓްސް އެކަޑެމީގެ މައްޗަށް ކުރިހޯދާފައިވަނީ، 33-45 ގެ ނަތީޖާއިންނެވެ. މި މެޗުގެ ކުއީންއަށް، އަދި ދެވަނަ ޑިވިޝަންގެ ކުއީން އޮފް ދަ ސީރީޒްއަށް ހޮވިފައިވަނީ އެސް ސީ ޝައިނިންގ ސްޓާރގެ މަރިޔަމް ލައިޝާ ޝަރީފްއެވެ.


މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައި ވަނީ ކްލަބް މެޓްރިކްސް އާއި ކޭވައިއާރުސީގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އަދި އެމްވީ ނެޓާސްއެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ވާދަކޮށްފައި ވަނީ، ސުޕަ ޖެންޒީ، ޔޫތު ޔުނައިޑެޓް ސީ އެސް، ސީ އެސް ޝައިނިންގް ސްޓަރ، ކުލަބް އެން ސްޕޯޓްސް، ޒެނިތު ސްޕޯޓްސް ކުލަބް، އިންވިކްޓޯ ސްޕޯޓްސް ކުލަބް އަދި ޔުނައިޓެޑް ޔުނިޓީ އެސް ސީގެ އިތުރުން، އެން ސްޕޯޓްސް އެކަޑަމީ، އާޖީލަކަށް، ފިއޮންތި ސްޕޯޓްސް ކުލަބް އަދި ބްލެކް ޕެންތާސް ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ މާލޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައެވެ.