ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ތާރުއެޅުމަށް މިހާރު ހަމަޖެހިފައިވަނީ ހުރިހާ ސެގްމަންޓެއް އެކީގައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
ކުރިން ނިންމާފައި އޮތީ، ސެގްމަންޓު 5ގައި ތާރުއަޅާ ނިންމުމަށްފަހު ދެން ހުރި ސެގްމަންޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ސެގްމަންޓް 5 ގެ ހުރިހާ މަސައްކަތެއްހެން ނިންމާލާފައިވާ ކަމަށެވެ. އެއީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެފްއެސްއެމް ބިލްޑިންއާ ހަމައަށެވެ. ސެގްމަންޓް 5 ގައި މިހާރު ކުރަމުންދަނީ، ސައިޑްވޯކްގެ މަސައްކަތް ކަމަށް ޝަރުވަސް ވިދާޅުވިއެވެ.
އަދި ބާކީ ނުނިމި ހުރި 3 ސެގްމަންޓުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި ކީވޯލްގެ މަސައްކަތާއި، ފެނާ ނަރުދަމާ ހޮޅި ވަޅުލުމާއި، އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ސަރަޙައްދުގައި 522 ޝީޓް ޕައިލްކުރަން ޖެހޭއިރު، އޭގެ %50 މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
ޝަރުވަސް ވިދާޅުވީ މިހާރު ޕްލޭން ކޮށްފައިވަނީ، ހުރިހާ ސެގްމަންޓެއްގައިވެސް އެއްފަހަރާ ތާރުއަޅަން ފެށުމަށް ކަމަށެވެ. އަދި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާ ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
" މި މުއްދަތުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް މަގު ހުޅުވާލާނަށް. ތާރު އަޅަން ކައިރިވީމަ އަނެއްކާވެސް ބަންދުކުރާނީ. އެއަށްފަހު ތާރު އަޅާ ނިމުމާއެކު އަނެއްކާވެސް ހުޅުވާލާނެ. ބަންދުކޮށްފައި އޮންނަ މުއްދަތުގައި ރައްޔިތުންނަށް ކޮންމެހެން ޚިދުމަތް ދޭންޖެހޭ އޮފީސްތަކުގެ ވެހިކަލްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާނެ. ނަމަވެސް އާންމު އުޅަނދުތަކަށް ނުވަދެވޭނެ." އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދެވެ. އެއީ، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދެވެ. އަދި މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، ތަރައްޤީކުރުން ހިމެނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރަމުންދާއިރު، އެ މަގުގެ ފަރުމާއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޒަމާނީ ބަދަލުތަކާއެކު ތާރުއަޅާ މަގު ތަރައްޤީ ކުރާއިރު، އެންމެ ބޮޑު އެއް ފަސޭހައަކަށްވަނީ މަގު އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމެވެ. އައު ފަރުމާގެ ދަށުން މަގުން ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާނެއެވެ.
މިހާތަނަށް އެ މަސައްކަތް ނިންމި، އިއްޒުއްދީނު ފާލަމުން ފެށިގެން ނޯތު ހަބަރާ ހަމައަށް އޮންނަ ސަރަޙައްދަށް ބަލާއިރުވެސް މި ލުއިފަސޭހަކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ. ފެރީ ލޯންޗުތަކާއި، މުދާ އުފުލާ ބޮޑެތި ބޯޓުފަހަރާއި، މަސް ދޯނިތައް އަޅާ ޚިދުމަތްދޭ ސަރަހައްދުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، ޓްރެފިކް ތޮއްޖެހުން ކުޑަވެ، މަގުގައި ދުއްވާ މީހުންނަށްވެސް އޭގެ ލުއިފަސޭހަކަން ވަނީ ލިބިފައެވެ.
ފަހަރަކު ބައެއް ހިމެނޭހެން މަގު ބަންދުކޮށް، ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދަށް އެންމެ ބޮޑު ބަދަލެއް އަންނާނީ، މަގުގެ ތިންވަނަ ސެގްމަންޓަށެވެ. އެ ސަރަޙައްދުގައި މަގުން ބޭރަށް ބައެއް ހިއްކާ ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އެތަނުގައި 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިން ޒޯނަށް ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 98 މީޓަރު ދިގު 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ.