ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމަށް އެޅުއްވި މުހިއްމު ފިޔަވަޅެއް!


  • މެންޓަލް ހެލްތު ހޮސްޕިޓަލް އަޅަނީ މާލެ ސަރަޙައްދުގައި ސަރުކާރުގެ ބަޖެޓުން

  • އެންޓި ބުލީންގެ ބިލެއް އަދި މެންޓަލް ހެލްތުގެ ބިލެއްވެސް މަޖިލީހަށް ހުށައަޅަނީ

ރާއްޖޭގެ ނަފްސާނީ ސިއްޙަތުގެ ދާއިރާއިން މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ އެމަނިކުފާނު ބާއްވަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

މިދިޔަ ހަފްތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވާފައިވަނީ ނަފްސާނީ ސިއްޙަތުގެ ދާއިރާއަށެވެ.

ސިލްސިލާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވަމުންގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިދިޔަ ހަފްތާގައިވަނީ ނަފްސާނީ ސިއްޙަތުގެ ދާއިރާއިން މުހިއްމު ނިންމެވުމެއް ހާމަކުރައްވާފައެވެ. އެގޮތުން މެންޓަލް ހެލްތު ހޮސްޕިޓަލް ތަރައްޤީކުރުމަށް ދައުލަތުގެ ބަޖެޓުން ނިންމަވާ އެކަމަށް ބޭނުންވާ ބިން މާލެ ސަރަޙައްދުން ހަމަޖެއްސެވިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއުލާންކުރައްވާފައެވެ.

"އެކަމުގެ ޕްރޮސީޖަރތައް ދިގުވުމާއި ގުޅިގެން އަދި މިފަދަ އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ނުފެށޭ، އެހެންނަމަވެސް މިމަސައްޖަތް ލަސްވަމުންދާއިރު މިމައްސަލަ ރާއްޖޭގައި އިތުރަށް ބޮޑުވެ، އިތުރު އެހީތެރިކަން ބޭނުންވާ ހިސާބަކަށް ގޮސްފައިވާތީ އަޅުގަނޑުމެން މިހާރު މަޝްވަރާކޮށް ސީދާ ސަރުކާރުގެ ބަޖެޓުން މިމެންޓަލް ހެލްތު ފެސިލިޓީ ތަރައްޤީކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މެންޓަލް ހެލްތު ހޮސްޕިޓަލް ތަރައްޤިކުރުމަށް 14000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާކަމަށެވެ.

މުޅި ރާއްޖޭގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެޕްރީލް މަހުގެ 24 ވަނަ ދުވަހާއި ހަމައަށް 10000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލިތަކާއި ގުޅިގެން އެކި ބަވަތުގެ ފަރުވާ ހޯދާފައިވާއިރު މީގެތެރެއިން 8000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަޙައްދުންނެވެ.

ހަމައެއާއެކު ނަފްސާނީ ސިއްޙަތުގެ ބިލު މިއަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ވަނީ ނިންމަވާފައެވެ. ރައީސް ވިދާޅުވީ، މީހުންނަށް ގަނާކުރުމަކީ ޤާނޫނީގޮތުން ފިޔަވަޅު އެޅޭނެ ކުށަކަށް ހެދުމަށް "އެންޓި-ބުލީން" ބިލެއްވެސް މަޖިލީހަށް ފޮނުވުމަށް ނިންމަވާފައިވާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ ރާއްޖެއިން ދައްކަންޖެހޭ ބޮޑު 2 ލޯނެއް ދައްކާ ޚަލާސްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެއާއެކުއެކީ ދިވެހި ވިޔަފާރިތަކަށް ދައްކަންޖެހޭ 3.3 ބިލިޔަން ރުފިޔާވަނީ ދައްކާފައެވެ.

ރައީސް ވަނީ ސަރުކާރުގެ ބޭސް ކުންފުނި އުފައްދަވާ، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބޭސް ދޫކުރުމުގައި ހުރި ހުރަސްތައް ދެނެގަނެވި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް ބޭނުންވާ ބޭސްތައް ގަވާއިދުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތިން ހަތަރު މަހެއްގެ ތެރޭގައި މާލެ ސަރަޙައްދުގައި އިތުރު 3 ޖީޕީ ކްލިނިކްތަކާއެކު ޖުމްލަ 4 ޖީޕީ ކްލިނިކް ޤާއިމުކުރުމުގެ މަސައްކަތް ނިމިގެންދާނެއެވެ. މިގޮތުން ހެންވޭރު ތެލެސީމިއާ ސެންޓަރު ހުރިތަނުގައާއި ހުޅުމާލޭ ފޭސް 1 އަދި 2 ގައިވެސް މިފަދަ ކްލިނިކް ޤާއިމުކުރެވޭނެއެވެ.

ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އާރްޓީއެލްގެ ޚިދުމަތް ނުފެށި އޮތް 4 އަތޮޅުވެސް ކުރިއަށް އޮތް ތިން ހަތަރު މަހެއްގެ ތެރޭގައި ދަތުރުފެށި ގުޅާލެވޭނެއެވެ.