ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ އެކަމާގުޅޭ ގޮތުން ހުރިހާ ފަންތިއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު ވިދާޅުވީ މިކަމުގެ ކަންބޮޑުވުންތައް އެމަނިކުފާނާއި ހިސާބަށް އައިސްފައިވާ ކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގު އުފުލި، ރާއްޖޭގައި ތެލުގެ އަގަށްވަނީ ބަދަލު އައިސްފައެވެ. މިއާއި ގުޅިގެން ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ވަނީ އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން އިޤްތިޞާދީ އަދި ދަތުރުފަތުރާ ބެހޭ ވުޒާރައިން މިހަފްތާގައި ބޭއްވި ބައްދަލުވުމުގައި ވަޒީރު މުޙައްމަދު ސަޢީދު ވަނީ މިކަމަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ދަތުރުފަތުރުގެ ދައިރާގެ މެންޑޭޓާއި ހަވާލުވުމަށް ފަހު މިމައްސަލައިގައި ޑްރަވަރުންގެ ފަރާތުން ސިޓީތައް ލިބިފައިވާކަން އެނގިވަޑައިގެންނެވި ކަމަށެވެ.
މިމައްސަލަގައި ގޮތެއް ނިންމެވުމުގެ ކުރިން މިކަމާގުޅޭގޮތުން ފުރިހަމައަށް މަޝްވަރާ ކުރެވެންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކެބިނެޓުގައި މިކަމާގުޅޭ މަޝްވަރާތައް ކުރައްވަންޖެހޭ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
"ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވަރުން އެދޭ ކަމަށް، ސިޓީ އައިސްފައި ހުރި އަޅުގަނޑު ހަވާލުވިއިރުވެސް. އަޅުގަނޑު ވިދާޅުވެފައި އޮތީ ސިޓީތައް ބަލާފައި ކެބިނެޓް ލެވެލްގައި އެވާހަކަ ދައްކައި އިތުރަށް ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާއި އެކު އެވާހަކަ ދައްކާނަން. އޭގެ ތެރޭގައި ޑްރަވަރުންނާއި ސެންޓަރުތައްވެސް ހިމެނޭ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އިޤްތިޞާދީ ވުޒާރާއި ދަތުރުފަތުރާ ބެހޭ ވުޒާރާގެ މަސައްކަތްތައް އެއްކޮށްލުމުގެ އެއް ބޭނުމަކީވެސް މިދައިރާގައި ހުރި މައްސަލަތައް ބަލައި ހިންގުން ހަރުދަނާ ކުރުން ކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
އެގޮތުން މިހާރުވެސް އިޤްތިޞާދީ ވުޒާރާއަކީ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް އަވަހަށް ދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ތަނަކަށްވާއިރު އެފަދަ ބަދަލުތަކެއް ދަތުރުފަތުރުގެ ދައިރާއަށް ގެންނަން ޖެހޭ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ހަތަރުފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރުމުގެ މިސާލު ނަންގަވާ ވަޒީރު ވިދާޅުވީ މިހާރު ކަންކަން އިންތިޒާމުވެފައި އޮތް ގޮތުން އެންމެ އަވަހަށްވެސް އުޅަނދެއް ރަޖިސްޓްރީ ކުރެވެނީ 19 ދުވަސް ނުވަތަ 20 ދުވަހުން ކަމަށެވެ. އެހެން ކަމުން މިފަދަ ކަންކަން އަވަސް ވާނެ އިންތިޒާމުތައް ހަމަޖައްސަވުމުގެ މުހިންމުކަން ވަޒީރު ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.
"ޓްރާންސްޕޯޓާއި އިކޮނޮމިކް އެއްކޮށްލީމަ ވަރަށް ބޮޑަށް އެފިޝެންސީ އިތުރުވޭ. މިވަގުތު ކާރެއް ރަޖިސްޓްރީ ކުރަން އެބަ ނަގާ 19 ދުވަހާއި 20 ދުވަސް އެންމެ ރަނގަޅު ހާލަތެއްގައިވެސް. އެންމެ ގޯސްވެގެންދަންޏާ 2-3 މަސް ނަގާ. ކޮންމެ ގޮތެއްވިއަސް ހަތަރު ފުރޮޅު ގެންނަނީ ގެނެވޭތީ. ދެން އެ ރަޖިސްޓްރީ ނުވެވެސް އޮވެގެން ނުވާނެ. ކޮންމެވެސް ގޮތެއް ހޯދަ ދެން ޖެހޭނެ. އޭއީ ސަރުކާރުން ކުރަން ޖެހޭނެ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ޓެކްސީ ޤަވާއިދާއި ދަތުރުފަތުރާ ގުޅޭ އެހެން ޤަވާއިދުތައް ތަންފީޒުވުމުގެ މައްސަލައަށްވެސް ވަޒީރު ވަނީ އިޝާރާތް ކުރައްވާފައެވެ. ވަޒީރު ސަޢީދު ވަނީ ޤަވާއިދުގެ ތެރެއިން ކަމެއް ކުރަން ހިމެނިފައިވާނަމަ އެކަން ތަންފީޒުކުރަން ޖެހޭ ކަމަށާއި، އެކަން ކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަ އެކަން ހައްލު ކުރަންޖެހޭ ކަމަށެވެ.
އެ މަސައްކަތް ކުރުމަށް ޤައުމީ ފެންވަރެއްގައި ދަތުރުފަތުރުގެ ދައިރާގެ ހުރި މައްސަލަތައް ބެއްލެވުމަށް ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން ހުރިހާ ސަރަހައްދަކުން ކޮންސަލްޓޭޝަން ބައްދަލުވުންތަކެއް ބާއްވާ ގުޅިގެން މަސައްކަތްކޮށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ވަޒީރު ސަޢީދު ވިދާޅުވިއެވެ.