ޚަބަރު

ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ ފައިނަލް ކޮލިފިކޭޝަނަށް ރާއްޖެ


  • އޭޝިއާ/އޯޝޭނިއާ ޒޯންގެ ފައިނަލް ކޮލިފިކޭޝަނުން ޖާގަ މިއީ ތާރީހީ ކާމިޔާބީއެއް

  • ފައިނަލް ބުރަށް ދަތުރުކުރީ ޕްރީ ކޮލިފައިންގައި ތިންވަނަ ހޯދައިގެން

ރާއްޖޭގެ 16 އަހަރުން ދަށުގެ ޓެނިސް ޓީމު ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ ފައިނަލް ކޮލިފިކޭޝަނަށް ދަތުރުކޮށްފިއެވެ.

މި އަހަރުގެ ބިލީ ޖީން ކިންގް ކަޕް ޖޫނިއާސް، އޭޝިއާ/އޯޝޭނިއާ ޒޯންގެ ފައިނަލް ކޮލިފައިން ބުރުން ޖާގާ ހޯދާ ޖޫނިއާ ޓީމުން މިވަނީ ތާރީހީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ބިލީ ޖީން ކިންގްކަޕް ޖޫނިއާސް އަކީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން، އައިޓީއެފް އާއި އޭޝިއަން ޓެނިސް ފެޑެރޭޝަން، އޭޓީއެފް ގުޅިގެން 16 އަހަރުން ދަށުގެ އަންހެން ޓެނިސް ކުޅުންތެރިންނަށް ބާއްވާ ބައިނަލްއަގްވާމީ އެންމެ ޝަރަފުވެރި ޓީމު އިވެންޓެވެ.

ރާއްޖެ ފައިނަލް ކޮލިފައިން ބުރަށް ދަތުރުކުރީ މާޗް 16 ން 21 އަށް ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި ޕްރީ ކޮލިފައިން މުބާރާތުގެ ތިންވަނަ ހޯދައިގެންނެވެ. މިއާއެކު އަންނަ މޭ މަހުގެ 11 ން 16 އަށް ކަޒަކިސްތާނުގެ ޝިމްކެންޓުގައި ބާއްވާ ވަރުގަދަ ފައިނަލް ބުރުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ކަށަވަރުވެފައެވެ. ސްރީލަންކާގައި ކުރިޔަށް ދިޔަ މި ކޮލިފިކޭޝަންގައި ރާއްޖޭންވަނީ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއްް ދައްކާފައެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ތަޖުރިބާކާރު ތިން ކުޅުންތެރިން ކަމަށްވާ ނަބާ ނިޝާން، މަންހާ މުހައްމަދު އަލީ، އަދި ކިޔާރާ އުސާމާ އަލީއެވެ. ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް)ގެ ހެޑް ކޯޗު، އިރާންގެ އަލީ ރިޒާގެ އިރުޝަދުގެ ދަށުން މި ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ބޮޑު ތަރުހީބެއް ލިބުނުކަމަށް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

މުބާރާތުގެ ތިންވަނަ ހޯދާ ލޯ މެޑައްޔާއެކު ރާއްޖެއިން ފައިނަލް ބުރުގެ ޖާގަ ކަށަވަރު ކުރިއެވެ. ތިންވަނަ ހޮވި މެޗުގައި ރާއްޖެ ނިކުތީ މިޔަންމާއާއި ދެކޮޅަށެވެ. މިޔަންމާ އަތުން ރާއްޖެ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި ނަތިޖާއާއި އެކު ރާއްޖެވަނީ ކަޒަކިސްތާނުގައި ބާއްވާ ފައިނަލް ބުރުން ޖާގަ ކަށަވަރުކޮށްފައެވެ.

ޓެނިސް އެސޯސިއޭޝަނުން ބުނީ ކަޒަކިސްތާނަށް ދާ ޓީމަށް ބަދަލުއައިސްފައިވާ ކަމަށާއި ނަބާގެ އޭ ލެވެލް އިމްތިހާނު ދުވަސްވަރާއި ދިމާވާތީ އޭނާގެ ބަދަލުގައި ދާނީ އައިޝަތު ކަރިން ސައިޒާން ކަމަށެވެ. އުންމީދީ ކުޅުންތެރިޔާ ކަރިން އަކީ އުމުރުން އެންމެ 14 އަހަރުގައި ސީނިއާ ބިލީ ޖީން ކިންގް ކަޕްގައި ކުޅެ ތަޖުރިބާ ހޯދާފައިވާ މޮޅު ކުޅުންތެރިއެކެވެ.

ރާއްޖޭގެ ޖޫނިއާ ޓީމުން ހޯދި މި ކާމީޔާބީއަށް ޓެނިސް އެސޯސިއޭޝަންގެ ރައީސް އާއި ގައުމީ ކޯޗުން ވަނީ ފަހުރުވެރިވާކަން ހާމަކޮށް މިއީ ޖޫނިއާ ލެވެލްގައި ރާއްޖޭން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީކަން ފާހަގަކޮށް ޓީމަށް މަރުހަބާ ކިޔާފައެވެ. އެސޯސިއޭޝަނުން ބުނީ މިއީ ރާއްޖޭގެ ޓެނިސް ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.