މާލެ ރީޖަނަލް ލީގު، ދެވަނަ ޑިވިޝަން 2026 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ބީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު، ޔުނައިޓެޑް ހެންވޭރިއަންސް އިން ގުރޫޕުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މި ދެ ޓީމު ހިމެނޭ ގުރޫޕު ބީގައި ހުރިހާ ޓީމަކުން ވެސް މިހާތަނަށް ވަނީ ތިން މެޗު ކުޅެފައެވެ. އެންމެފަހުން ތިން މެޗު ހަމަކުރީ މި ދެ ޓީމެވެ.
ހޯމަ ދުވަހުގެރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ޔުނައިޓެޑް ހެންވޭރިއަންސް އިން ބީޖީގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް ފެނިގެންދިޔައީ ލަސް، ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ، އާދައިގެ ކުޅުމެކެވެ.
ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު، މި ފުރުސަތުތަކުގެ ބޭނުން ދެ ޓީމަށް ވެސް ހިފިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ދެވަނަ ހާފުގައި، މެޗުގެ 70 ވަނަ މިނެޓުގައި ހެންވޭރިއަންސް އިން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޝަހީމް އަބްދުލް ގާދިރެވެ.
މެޗުގެ 87 ވަނަ މިނެޓުގައި ހެންވޭރިއަންސްއަށް ވަނީ ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެގޮތުން އޭރިއާ ތެރެއިން ޝަހީމަށް، ބީޖީގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ލިބިފައިވާއިރު، ޝަހީމް ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނުމަށް ހުރަސް އެޅީ ބީޖީގެ ކީޕަރު މުޙައްމަދު ސަމޫޚުއެވެ.
މެޗުގައި ބީޖީން ފުރަތަމަ 11 ގައި، ކީޕަރެއްގެ ގޮތުގައި ހިމެނީ މުސްތަފާ މުޙައްމަދެވެ. އެހެންނަމަވެސް ހެންވޭރިއަންސްގެ ހަމަލާއެއް ހުއްޓުވަން އުލުމުގެ ތެރޭގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ފުރަތަމަ ހާފުގައި އޭނާ ވަނީ ބަދަލު ކޮށްފައެވެ.
މި މެޗުން ހޯދި މޮޅާއެކު ހެންވޭރިއަންސްއަށް ތާވަލުގެ ދެވަނަ ލިބެނީ ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ބީޖީއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ތިން މެޗު ވެސް ކާމިޔާބުކޮށް، 9 ޕޮއިންޓު ހޯދާފައިވާ ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ.