ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނުގައި، ބީޗް ގޭމްސް އަދި މޫދު ކުޅިވަރު ކުރިއަރުވަން ވަރަށް ބޮޑު އިސްކަމެއްދޭނެކަމަށް ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ވަޒީރު ރާފިއު މިހެން ވިދާޅުވީ، ޗައިނާގެ ސަންޔާގައި މިހާރު ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސް ބައްލަވައިލައްވައި، އެތުލީޓުންނާ ބައްދަލުކުރެއްވުމަށް އެ ގައުމަށް ގޮސް ހުންނަވައި ދެއްވި އިންޓަވިއުއެއްގައެވެ.
އޭޝިއަން ބީޗް ގޭމްސްގެ ހަތަރު އިވެންޓަކުން 50 އަށްވުރެ ގިނަ އެތުލީޓުން ރާއްޖޭގެ ކޮންޓިންޖެންޓުގައި ހިމެނޭއިރު މި ކޮންޓިންޖެންޓުގެ އެވަރެޖް އުމުރަކީ 26 އަހަރެވެ. އެހެންކަމުން ޒުވާން އެތުލީޓުންތަކެއް ބީޗް ގޭމްސްގައި ބައިވެރިވެ، ކުރިއެރުންތަކަކާއި ރަނގަޅު ކާމިޔާބީއެއް ހޯދަމުން ދިއުން މިއީ ވަރަށް އުއްމީދީ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ޙާއްސަ ގޮތެއްގައި ބީޗް ހޭންޑްބޯޅަ ޓީމުން ގޭމްސްގައި ދެ މެޗުން މޮޅުވެފައިވާއިރު، އެ ޓީމުން ހޯދަމުންދާ ކުރިއެރުންތަކާއެކު ރާއްޖޭގައި ބީޗް ހޭންޑްބޯޅައިގެ މުސްތަގްބަލާމެދު އުއްމީދުތަކެއް ކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ އަންހެން ބީޗް ވޮލީ ޓީމުން ސީރިއާ އަތުން ހޯދި މޮޅާއެކު، އެ ކުޅިވަރުގައި ވެސް ރާއްޖެއިން ކުރިއެރުންތަކެއް ހޯދަމުން އަންނަކަން ހާމަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ އަހަރު ރާއްޖޭގެ ކުޅުދުއްފުށި ސިޓީގައި ކޮމަންވެލްތު، ފިރިހެނުންގެ ބީޗް ހޭންޑްބޯޅަ މުބާރާތް ވަރަށް ކާމިޔާބު ކަމާއެކު ބާއްވާ ނިންމާލެވުނުއިރު، މިއީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވާއިރު، ގުދުރަތީ ރީތިކަމާއި ދޮންވެލި ރީތި ބީޗުތަކާއެކު ބީޗް ކުޅިވަރުތަކާއި މޫދު ކުޅިވަރަކީ ރާއްޖެއަށް ޙާއްސަ ކަންތައްތަކެއްގެ ގޮތުގައި ޕްރޮމޯޓުކުރެވިދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަށް ދޭންޖެހޭ ސަމާލުކަމާއި އަހައްމިއްޔަތުކަން ދީގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ، ދެ ފައިދާއެއް މިކަމުން ނެގޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖެ އިސްތިހާރުކޮށް، ކުޅިވަރު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރަން މިއީ ލިބޭ ފުރުސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ މާހައުލު ބައްޓަންވެފައި އޮތީ، ބީޗް ގޭމްސްއަށް ފައްކާވެފައި އޮތް ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި ބީޗް ހޭންޑްބޯޅައާއި ބީޗް ވޮލީގައި ރާއްޖެއިން ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދަމުން އަންނަކަން ފާޙަގަކުރައްވައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ، މުސްތަގްބަލުގައި، ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީޗް ގޭމްސްއަށް ޙާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދިއުން ކަމަށެވެ.
އެމަގުން ކުރެވުނު މަސައްކަތުގައި، ކުޅުދުއްފުށީގައި ބޭއްވި ކޮމަންވެލްތު ގޭމްސް ވެގެންދިޔައީ ގިނަ ފައިދާތަކެއް ކުރުވި މުބާރާތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މުބާރާތުގެ ސަބަބުން، ރާއްޖެއަކީ މިފަދަ މުބާރާތްތައް ބާއްވަން އެންމެ ރަނގަޅު ގައުމުކަން ދުނިޔެއަށް ހާމަވެގެން ދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.
ބީޗް ހޭންޑްބޯޅަ، ވޮލީބޯޅަ، އެތުލެޓިކްސް އަދި ސްވިމިން އިން ރާއްޖޭޣެ އެތުލީޓުން މިފަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރަމުން އަންނައިރު، ބީޗް ހޭންޑްބޯޅަ ފިޔަވައި އެހެން ހުރިހާ ކުޅިވަރެއްގައި ވެސް އަންހެން އަދި ފިރިހެން އެތުލީޓުން ބައިވެރިވެއެވެ. އެހެނަނަމަވެސް ހޭންޑްބޯޅައިން ބައިވެރިވަނީ ފިރިހެން ޓީމު އެކަންޏެވެ.