ޚަބަރު

"ޤާނޫނު އަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް ނުވިސްނަން"


  • ވޯޓުން ހާމަވީ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުން ބޭނުން ނުވާކަން

  • ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެކަމަށް ވިދާޅުވި

ޤާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް ސަރުކާރުން މިހާރު ނުވިސްނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މި މަހުގެ 4ވަނަ ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުން ސާބިތުވެގެންދިޔައީ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުން ބޭނުން ނުވާކަން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އެ ނިންމުމާއެއްގޮތަށް ކުރިއަށް އޮތްތަނުގައި އިތުރު އިސްލާހެއް ޤާނޫނުއަސާސީއަށް ގެނައުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވާފައި މިވަނީ. އެއީ ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ޤަބޫލުކުރާ ކަމެއް ނޫނޭ، ނުވަތަ އެހާބޮޑަށް ފޭވަރ ކުރާ ކަމެއް ނޫންކަން. އެހެންވީމަ ޤާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ ކަހަލަ އިސްލާހެއް ކުރިއަށް އޮތްތާނގައި ގެންނާކަށް އަޅުގަނޑުމެން ނުވިސްނަން ދެނެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤާނޫނުއަސާސީއަށް އިސްލާހު ނުގެންނެވި ނަމަވެސް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު ކަންކަން ނިންމަވަނީ ރައްޔިތުންގެ ވިންދާއެއްގޮތަށް ކަމަށާއި މިއަދާ ހަމައަށް ޤާނޫނުއަސާސީއަށް ގެންނެވި އިސްލާހުތަކަކީވެސް ރައްޔިތުން ބޭނުންވާ މުހިންމު އިސްލާހުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދާހަމައަށްވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ އަޑުއަހައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގައި އިސްކަން ދެއްވާނެ ކަމަށެވެ.