ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާ ގުޅޭ މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގަވައިފިއެވެ.
ޕީޖީ އޮފީހުން ވަނީ މިކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.
ޕީޖީން ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަމުގައި ފަންޑުކުރި ފަރާތްތަކާ ގުޅުންހުރި ތަހުގީގުތައް އަވަސްކޮށް، ވީ އެންމެ އަވަހަށް އެއޮފީހަށް ހުށަހެޅުމަށް އަންގާފައިވާނެ ކަމަށެވެ. މި މައްސަލަ އަވަސްކުރުމަށް އެންގީ މި މަހުގެ 8ވަނަ ދުވަހު ކަމަށް ވިދާޅުވިއެވެ.
2021ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދީފައިވަނީ، އެމަނިކުފާނުގެ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވަނިކޮށް، ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް ރޭޒަރ ފުއްތަކެއް އަރާ، ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް ވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވާފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވީކަމަށް ކުށް ސާބިތުވެ، އަހުމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކޯޓުންވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ. އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުންވަނީ ޙުކުމްކޮށްފައެވެ. ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. އެ މީހުންގެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.