ޚަބަރު

މަޝްވަރާއަށް ބާރުއަޅަން ޕާކިސްތާނު އިސްވެރިންގެ ދަތުރުތައް ނިމުމަކަށް


އެމެރިކާ އާއި އީރާނާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް، މަޝްވަރާގެ މޭޒަށް އަލުން ގެނައުމަށް ބާރު އެޫލުމުގެ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރާއި އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ އީރާނާއި ގަލްފުގެ ބައެއް ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތައް ނިންމަވާލައްވައިފިއެވެ.

ފެބްރުއަރީ 28ގައި އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނަށް ދޭން ފެށި ނިރުބަވެރި ޙަމަލާތަކާ އެކު އަސްކަރީ ކުރިމަތިލުންތައް ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ.

ޕާކިސްތާނު މެދުވެރިވެގެން ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް މިހާރު ޢަމަލުކުރަމުންދާއިރު، އެކަމަށް ދީފައިވާ ދެ ހަފްތާގެ މުއްދަތު އޭޕްރީލް 22އަށް ހަމަވާނެއެވެ.

މިދިޔަ ހަފްތާ ބަންދުގައި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އީރާނާއި އެމެރިކާގެ އިސް މަންދޫބުން ވަނީ ހަނގުރާމަ ނިންމުމަކަށް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފައެވެ.

ނަމަވެސް، ދެ ފަރާތުގެ މެދުގައި އޮތް ޚިލާފުތަކަށް ޙައްލެއް ނުހޯދި، މަޝްވަރާތައް ނިންމާލާފައިވަނީ މާބޮޑު ކުރިއެރުމެއް ނުލިބިއެވެ.

އޭގެފަހުން، ޕާކިސްތާނުން އިސްވެ ދަނީ، މަޝްވަރާގެ ދެވަނަ ބުރަކަށް އެމެރިކާ އާއި އީރާނު އަލުން ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ.

މިގޮތުން، ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ އާޞިމް މުނީރު ވަނީ އީރާނުގެ ވެރިރަށް ތެހްރާނަށް ވަޑައިގެންފައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރެއްވި ދަތުރުފުޅުގައި، އޭނާ ވަނީ އީރާނުގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ސުލްޙައިގެ މަޝްވަރާތަކަށް އެނބުރި އައުމަށް ބާރު އަޅުއްވައިފައެވެ.

އޭގެއިތުރުން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަޙްބާޒް ޝަރީފް ވަނީ، ސުލްޙައިގެ މަޝްވަރާތަކަށް ގަލްފުގެ މުޙިއްމު ބައެއް ޤައުމުތަކުގެ ސަޕޯޓު ހޯއްދެވުމަށް އެ ޤައުމުތަކަށް ދަތުރުފުޅުތައް ކުރައްވައިފައެވެ.

އެގޮތުން، ހުސްވި ހަފްތާގެ ތެރޭގައި، ޝަޙްބާޒް ޝަރީފް ވަނީ ސަޢުދީ ޢަރަބިއްޔާގެ އިތުރުން ޤަތަރު އަދި ތުރުކީވިލާތަށް ވަޑައިގެން، އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރައްވައިފައެވެ.

ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ ހަމަވެ، މިހާރު އޮތް ނުތަނަވަސް ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ޕާކިސްތާނުން ވަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ހަމަވުމުގެ ކުރިން މަޝްވަރާގެ ދެވަނަ ބުރަކާ ހަމައަށް ނުދެވުނަސް، އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ އުއްމީދު ބޮޑުކަމަށް ޕާކިސްތާނުގެ ސަރުކާރުގެ އެކި މަސްދަރުތަކާ ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.