ސުކޫކް ދެއްކުމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތައް 10 ގުނަ އިތުރުވެފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކް ސަރުކާރުން ވަނީ މި އެޕްރީލް މަހުގެ 2 ވަނަ ދުވަހު ދައްކާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖެ ބަނގުރޫޓް ވާނެކަމަށް ގޮވަމުން ދިޔަނަމަވެސް މި ސަރުކާރުން އެކަން ނުވާނެކަން ކަށަވަރުކޮށްދީފައިވާކަމަށެވެ. އެގޮތުން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުން އިތުރު ދަރަންޏެއް ނުނަގާ ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ސުކޫކް ގުޅިފައި އޮތީ ޔޫއޭއީގެ ބޭންކްތަކަކާކަން ފަހާގަކުރައްވާ އޭނާ ވިދާޅުވީ ސުކޫކް އަނބުރާ ދެއްކުމާއެކު އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމަށެވެ. އިސް ތަރުޖަމާނުވަނީ އެމަނިކުފާނު ޔޫއޭއީގެ ސަފީރުކަމުގައި ހުންނެވިއިރު އޭގެ ނަތީޖާ ވަގުތުން ފެނުނަކަން ފާހަގަކުރައްވާފައެވެ. ރާއްޖެއިން ސުކޫކު ދެއްކުމުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ޔޫއޭއީގެ އެކި ފަންޑުތައް އެކުގައި ތިބޭނެކަން ޔަޤީންކޮށްދީފައިވާކަމަށާއި އެހީތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތައް ކުރިއާއަޅާ ބަލާއިރު 10 ގުނަ އިތުރުވެފައިވާ އިސް ތަރުޖަމާނު ވިދާޅުވިއެވެ.
" ޔޫއޭއީގެ ދަޢުލަތުގެ އެކި ފަންޑުތަކުގެ ބޭފުޅުން ޔަޤީންކަމާއެކު ވިދާޅުވީ ތި ކަޑައްތު ކުރީ ވަރަށް މުހިއްމު މަރުހަލާއެއްކަމަށް. ރާއްޖެއާ މެދު ދެކޭގޮތް، ރާއްޖޭގެ ތަރައްޤީއާ މެދު ދެކޭގޮތް، ރާއްޖޭގެ ސަރުކާރާމެދު ދެކޭގޮތް، ރާއްޖޭގެ މުސްތަޤުބަލާ މެދު ދެކޭގޮތް މިއަދު މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައޭ. މާދަމާ ތިމަންނަމެން އެބަތިބީމޭ ތަރައްޤީގެ ކަންކަމުގައި" ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.
އިސްތަރުޖަމާނު ވިދާޅުވީ ޒިންމާދާރު ސަރުކާރެއް އިޚުލާސްތެރި ރައީސަކު މަސައްކަތް ކުރައްވަނީ ހިކުމަތްތެރި ތަޞައްވަރަކާއެކުގައިކަމަަށެވެ. އަދި ކުރިއަށް އޮތް 2 އަހަރާއި ބައިގެ ތެރޭގައި ރައްޔިތުން ހިތްހަމަޖެހޭ ވަރުގެ ނަތީޖާތަކެއް ފެންނާނެކަމަށްވެސް ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ މަސައްކަތް ހަލުވިވެސް ވާނެ. އެބޭފުޅުންގެ ލޯފުޅުން ފެންނަ ތާނގައި ތަރައްޤީގެ މަސައްކަތްތައް އިތުރަށް ކާމިޔާބުކަމާއެކު ނިމެމުންވެސް ދާނެ. ޖުމުލަ ގޮތެއްގައި އާންމު ޙާލަތު، އެއީ އަޅުގަނޑުމެންގެ ތަނަވަސްކަން ވިޔަސް، ތަކެތީގެ ޚަރަދުވިޔަސް، ނުވަތަ ކޮންމެ ދިވެއްސަކު ދައްކަންޖެހޭ ބިލުތައްވިޔަސް، މިފަދަ ކަންކަމުގައި ލުއިތަކެއް އަންނާނެ. އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ ޚިދުމަތުގައި " ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.
އިސްތަރުޖަމާނު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަން ކުރައްވާނީ ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ ޝުޢޫރު އަޑުއައްސަވައިގެން ރައްޔިތުން އެދޭގޮތަށްކަން ތަކުރާރުކުރައްވާފައެވެ.
ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިޔަން ޑޮލަރާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން ޑޮލަރާއެކު ޖުމްލަ 524.68 މިލިޔަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭ ދުވަހުގެ 6 ދުވަސް ކުރިން މިމަހުގެ 2 ވަނަ ދުވަހު ސަރުކާރުން ވަނީ ދައްކާ ޚަލާސްކޮށްފައެވެ.
މިސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ވިއްކި ސުކޫކެކެވެ. ނަމަވެސް، މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިޤްތިޞާދަށް ބުރަ ނުވާނެ ގޮތަށް ދަރަނި އަދާކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އޭގެ ތެރޭގައި އެސްޑީއެފަށް ބޭރު ފައިސާ ޖަމާކުރަން ފެށުމާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓަށް ގެނައި ބަދަލުތައް ހިމެނެއެވެ. ސުކޫކު އަދާކުރުމަށްފަހު، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށެވެ.