ޚަބަރު

"ވަޒީރުން އިސްތިއުފާ ދެއްވީ އިސްލާހީ ފިޔަވަޅުތަކަށް ފުރުޞަތު ދެއްވުމަށް"


  • ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވީ ސަރުކާރުގެ އޮނިގަނޑު އިތުރަށް ހަރުދަނާ ކުރެއްވުމަށް

  • ރައްޔިތުން ބޭނުންވާ ބަދަލުތައް ފެންނާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާ

ވަޒީރުން އިސްތިއުފާދެއްވުމާއި ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތައް ގުޅިފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމާކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ރައްޔިތުން ދިން މެސެޖު ރައީސުލްޖުމްހޫރިއްޔާ އަޑުއައްސަވާފައިވާ ކަމަށެވެ. އަދި މި ބަދަލުތަކަކީ ރައްޔިތުންގެ އަޑު އެހުމަށްޓަކައި ސަރުކާރުގެ އޮނިގަނޑު އިތުރަށް ހަރުދަނާ ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް އިސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދެއްވި ބޭފުޅުން އެކަން ކުރެއްވީ ހެޔޮ ނިޔަތެއްގައި ކަމަށާއި، އެއީ ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތަކަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މި ގެންނެވި ބަދަލުތަކާއެކު ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާވެ، މަޝްރޫޢުތަކުގެ ދުވެލި އިތުރަށް ހަލުވިވެ، ރައްޔިތުން ބޭނުންވާ ކަންތައްތަކުގައި އަމަލީ ކުލައެއް ޖެހިގެންދާނެ ކަމަށެވެ. އަދި މިއީ ވަރަށް މަދު ވެރިޔަކަށް ނޫނީ ނަންގަވަން ކެރިވަޑައިނުގަންނަވާނެ ފަދަ ވަރުގަދަ ނިންމެވުމެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

"ވަރަށް މަދު ސަރުކާރެއް ނުވަތަ ވަރަށް މަދު ވެރިންނަށް ނޫނިއްޔާމު ކެރިވަޑައިނުގަންނަވާނެ ނުވަތަ އެހާ ފަސޭހަފުޅެއް ނުވާނެ ދައުރުގެ މެދުތެރެއިން ނަންގަވަންޖެހޭ ވަރަށް ވަރުގަދަ ވަރަށް ކެރޭ ޑިޒިޝަންތަކެއް ނަންގަވާފަ، ރައްޔިތުންނޭ މުހިންމީ، އަޑުއައްސަވާފީމޭ، އިސްލާހުތަކެއް ގެންނަންޖެހޭ، ބަދަލުތަކެއް ގެންނަންޖެހޭ، ކަންތައްތަކެއް އެބަޖެހޭ ރަނގަޅުކުރަން. އެކަންތައްތައް ރަނގަޅުކުރުމަށްޓަކައި މިފަދަ ފިޔަވަޅުތަކެކޭ ތިމަންނަ މިއަޅަނީ." ރައީސްގެ ނިންމެވުމާ ގުޅޭގޮތުން މުންދު ވިދާޅުވިއެވެ.

މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަކީ ގާނޫނުއަސާސީއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ރައީސެއްްކަން ފާހަގަކުރައްވަމުން، ތަރުޖަމާނު ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް ނުވަތަ ދުސްތޫރީ ނިޒާމަށް ލޮޅުން އަންނަފަދަ ކަމެއް ރައީސް ނުކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ނިންމެވުމެއްވެސް ނަންގަވަނީ ރައްޔިތުންނަށް ދެފުށް ފެންނަ ގޮތެއްގައި ކަމަށްވެސް ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

10 ވަޒީރަކު ޢިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާފައެވެ. އެ ގެންނެވި ބަދަލުތަކުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 15 އަށް މަދު ކުރެއްވުމާއި އައު ބޭފުޅުން ވަޒީރުން މަޖިލީހަށް އައްޔަންކުރެއްވުން ހިމެނެއެވެ.