ޚަބަރު

"މުދަލުން ޒަކާތް އަދާނުކުރާ ނަމަ އީމާންކަން ފުރިހަމައެއް ނުވާނެ"


  • މަޢުޟޫއަކީ "އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރު"

ހިތުގައި އީމާންކަން އޮވެ، މުދަލުން ޒަކާތް އަދާނުކުރާ ނަމަ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށް މިއަދު ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ހުކުރު ޚުޠުބާގައި މަޢުޟޫއަކީ "އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރު"އެވެ.

ޚުޠުބާގައި ވިދާޅުވީ މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނުވަތަ ދެވޭ ޞަދަޤާތެއް ނޫން ކަމަށެވެ. އަދި އެއީ ނިކަމެތީންނަށް ވެދެވޭ އިޙުސާންތެރިކަމެއް ނުވަތަ ހެޔޮ ފޯރުވުމެއް ވެސް ނޫން ކަމަށާއި ޒަކާތަކީ މާތް الله ފަރުޟުކުރައްވައިފައިވާ އިސްލާމް ދީނުގެ ރުކުނެއް ކަމަށެވެ. އެއީ އިސްލާމް ދީނުގެ ބިންގަލާ ގުޅިފައިވާ، ޢަދުލުވެރިކަމާ އިންޞާފުގެ މައްޗަށް ބިނާވެފައިވާ މަތިވެރި އިލާހީ ނިޒާމެއް ކަމަށެވެ.

ނަމާދާ ވިދިގެން މުދަލު ޒަކާތުގެ ވާހަކަ އައިސްފައިވަނީ، ނަމާދަކީ އަޅާއާ اللهއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ އަޅުކަމަކަށް ވާ ފަދައިން، ޒަކާތަކީ اللهގެ މަޚްލޫޤުންނާ އަޅާއާ ގުޅުވައިދޭ މުހިންމު ވަސީލަތަކަށް ވާތީއެވެ. "ޒަކާތް" މި ބަހުގެ މާނައަށް ފުންކޮށް ވިސްނައިލުމުން، އޭގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެއެވެ. ޒަކާތުގެ މާނައަކީ ޠާހިރުވުމާއި އިތުރުވުމެވެ. ޒަކާތް ނެރޭ މީހާގެ ނަފުސު، ދަހިވެތިކަމާއި މުށްބާރުކަމާއި، ފަނާވެދަނިވި މި ދުނިޔޭގެ މުދަލަށް އޮންނަ ލޯބީން، ޠާހިރުކޮށްދޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ހަމައެއާއެކު، ހިސާބުކިތާބުން އަންދާޒާ ވެސް ނުކުރެވޭ ފަދަ ގޮތެއްގައި މުދަލުގައި ބަރަކާތްލެއްވެއެވެ.

ކީރިތި ޤުރްއާނުގެ އަށާވީހަކަށް އާޔަތުގައި ނަމާދާ އެކުގައި ޒަކާތުގެ ވާހަކަ މާތް الله ވަޙީކުރައްވައިފައި ވެއެވެ. މި ދެ އަޅުކަން މި ފަދައިން ގުޅި ލާމެހިފައިވުމުން ދޭހަކޮށްދެނީ ވަރަށް ފުން މާނައެކެވެ. ހިތުގައި އީމާންކަން އޮވެ، މުދަލުން ޒަކާތް އަދާނުކުރާ ނަމަ އީމާންކަން ފުރިހަމައެއް ނުވާނެކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

މި ޒަމާނުގެ ސަރުކާރުތަކުން އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ފަރުމާކުރުމަށްޓަކައި އެތައްއެތައް ބިލިއަން ފައިސާއަކާއި މުދަލެއް ހޭދަކުރެއެވެ. ފަޤީރުކަން ނައްތާލުމާ ގުޅޭ ގޮތުން ދިރާސާކުރާ އިދާރާތަކުން ނުހަނު ގިނަ ރިޕޯޓުތައް ނެރެއެވެ. ނަމަވެސް، މީގެ ސާދަ ސަތޭކަ އަހަރު ކުރީން، الله سُبْحَانَهُ وَتَعَالَى ވަނީ ނުހަނު ފުރިހަމަ، އިންޞާފުވެރި ޝާމިލު ނިޒާމެއް ބާވައިލައްވައިފައެވެ.

ޒަކާތުގެ ގޮތުގައި ނެރޭން ޖެހޭ މިންވަރަކީ ވަރަށް ކުޑަ މިންވަރެކެވެ. އެއީ ތިރީސް އިންސައްތަ ނުވަތަ ފަންސާސް އިންސައްތައެއް ނޫނެވެ. މުދަލުގެ ނިޞާބު ހަމަވެ، ނިޞާބު ހަމަވީތާ ހިޖުރީ ގޮތުން އެއް އަހަރު ފުރިހަމަވުމުން، ޒަކާތުގެ ގޮތުގައި ނެރޭން ޖެހެނީ އެ މުދަލުގެ ޖުމުލަ އަދަދުގެ އެންމެ ދޭއް ޕޮއިންޓު ފަހެއް އިންސައްތައެވެ. އެއީ އެތައް މިލިއަން އިންސާނުން ފަޤީރުކަމުން ސަލާމަތްކުރުމަށް ފުދޭ މިންވަރެކެވެ. މިއީ ބޮޑު މިންވަރެއް ކަމަށް ތެދުވެރި އެއްވެސް މުސްލިމަކަށް ބުނަން ނުކުރޭހައި ކުޑަ މިންވަރެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޒަކާތަކީ މުދަލާއި ތަނަވަސްކަން ވަކި ބައެއްގެ އަތްމަތީގައި ހިފެހެއްޓިފައި ހުރުމުގެ ބަދަލުގައި، މުޅި މުޖުތަމަޢުގައި ތަނަވަސްކަން ދައުރުވުމަށް މަގުފަހިކޮށްދޭ މުހިންމު ނިޒާމެކެވެ.

މިއީ ހަމައެކަނި ފަލްސަފާވެރި ފިކުރެއް ނުވަތަ ހަޤީޤަތާ ދުރު، ޚިޔާލީ އުންމީދެއް ނޫނެވެ. ޒަކާތުގެ ސަބަބުން މުޖުތަމަޢަށް އަންނަ ހެޔޮ ބަދަލުތައް އިސްލާމީ ތާރީޚު ވަނީ ދެކެފައެވެ. މަޝްހޫރު ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒު (رَحِمَهُ الله)ގެ ވެރިކަމުގައި، ޒަކާތުގެ ނިޒާމު ޤާއިމުކުރެވުނީ އިންޞާފުވެރިކަމާއި ޢަދުލުވެރިކަމުގެ މައްޗަށެވެ. ނަތީޖާއަކީ، ފަޤީރުންނާއި މިސްކީނުންގެ ޙާލަތު ރަނގަޅުވެ، ދަރަނިވެރީން ދަރަނިތަކުން ސަލާމަތްވެ، ޒަކާތުގައި ހިފާނޭ މީހަކު ނެތި، ޒަކާތުގެ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމެވެ. މުދަލު ޒަކާތަކީ މުޖުތަމަޢެއް ބިނާވެ، ކުރިއެރުމުގެ އެންމެ މުހިންމު އަސާސީ އެއް ބިންގަލެވެ.

ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫނެވެ. އެއީ މުދަލުން ބަރަކާތް ކެނޑޭނޭ ކަމެކެވެ. ޚުޠުބާގައި ވިދާޅުވީ ޤިޔާމަތް ދުވަހު، އިރު ބޯމައްޗަށް ތިރިވެ، މީސްތަކުން ފިލާން ވަންނާނޭ ތަނެއް ނެތް ދުވަހު، މާތް ﷲ ތިބާއަށް ދެއްވި މުދަލުން ދުނިޔޭގައި އިޚުލާޞްތެރިކަމާ އެކު ހޭދަކުރި މީހާ، ހުންނާނީ މާތް اللهގެ ޢަރުޝީގެ ހިޔަލުގައި ކަމަށެވެ.